ކުޅިވަރު

ގްރީންއަށް ތިން ޕޮއިންޓް، ތިމަރަފުށި ފަރަގު ކުޑަކޮށްފި

ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 10-0 އަދަޔާ ހިލާފް ނަތީޖާއަކުން ބަލިވި ނަމަވެސް، ގްރީން ސްޓްރީޓާ ދެކޮޅަށް ތ. ތިމަރަފުށިން ވަނީ ފަރަގު ކުޑަ ކޮށްފަ އެވެ. ގްރީން މެޗު ކާމިޔާބު ކުރީ 2-0 ން ނެވެ.

ގްރީންގެ ފުރަތަމަ މެޗުގައި، ށ. ފޯކައިދޫ އަތުން، ބަލި ނުވެ ސަލާމަތްވީ ކިރިކިޔާ އެވެ. ތިމަރަފުއްޓާ ދެކޮޅަށްވެސް ގްރީން ސްޓްރީޓަށް ވަނީ ލަނޑު ޖަހަން އުނދަގޫ ކުރިމަތި ވެފަ އެވެ.

ރޭގެ މެޗުގައި ގްރީންގެ ފުރަތަމަ ރޮލޭންޑް ރަސެލް ކާމިޔާބު ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ، ގްރީންގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ) ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ، ތިމަރަފުށީގެ އިސްމާއިލް ޝިއާދު އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ރަސެލް ޕެނަލްޓީ ކާމިޔާބު ކުރީ 65 ވަނަ މިނެޓްގައެވެ.

އޭގެ ފަހުންވެސް އަޑޭ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 67 ވަނަ މިނެޓްގައި، ތިމަރަފުށީގެ އޭރިއާގެ ބޭރުން އޭރިއާގެ ކަނާދިމާލުން ލިބުނު ހިލޭ ޖެހުން އިބްރާހިމް ރިޒްހާން (ރިޒްކޯ) ނަގައިދިނުމުން އަޑޭ ބޮލުން ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު އެޑެންޓްޖީ ލޯރެންސް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ ގޯލްލައިން މަތިންނެވެ.

ގްރީންއިން ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، ޑިފެންޑަރު ސަމްދޫހް މުހަމައްދެވެ. ރިޒްކޯ ނެގި ކޯނަރު އަޑޭ ބޮލުން ފޮނުވާލުމުން، އެބޯޅަ ހުރަސްވީ ގޯލްކުިމައްޗަށެވެ. ސަމްސޫހް ވަނީ އަޑޭ ބޮލުން ފޮނުވާލި ބޯޅަ ހުރަސްވުމުން ބޮލުން ގޯލްގެ މަތީކަނަށްވާ ގޮތަށް ފޮނުވާލާފަ އެވެ.