ބޮލީވުޑްގެ އެންމެ މަޝްހޫރު އެއްޖޯޑު ކަމަށްވާ ސައިފް އަލީީ ޚާން އާއި ކަރީނާ ކަޕޫރު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.
މިދެތަރިންނާއިއެކު ސައިފްގެ ފިރިހެން ދަރިފުޅު އަބްރަހަމްގެ އިތުރުން ކޮއްކޮ ސޮހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫ ވެސް ވަނީ އައިސްފަ އެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައިކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާއިރު، މެދެތަރިން އާއިލާ އާއިއެކު އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
މިދެތަރިން އާއިލާއާއެކު ޗުއްޓީހޭދަކޮށްލުމަށް އަންނަ މަހުގެ 3ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ގއ.ފަޅުމާފުށީގައި ހިންގާ ރެސިޑެންސް މޯލްޑިވްސްގައި ކަމަށްވެ އެވެ.
މީގެއިތުރުން ސައިފްގެ ކޮއްކޮ ބަތަލާ ސޮހާ ވަނީ ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯއެއް އޭނާގެ ފޭނުންނަަށް ޓްވިޓާގައި ދައްކާލާފަ އެވެ. އެފޮޓޯގައި ސޮހާ ވަނީ ތިން މަތިންދާ ބޯޓުގެ ދަތުރަކާއި، ސްޕީޑް ބޯޓުގެ ދަތުކަރަކަށް ފަހު އިންޑިއާ ކަނޑުގައިވާ އެންމެ ހިތްގައިމު އަތޮޅަށް އާދެވިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ރީތިކަމަށް ތައުރީފުކުރަމުން ސޮހާ ވަނީ މިއީ ސުވަރުގެ ކަމަށް ބުނެފަ އެވެ.
އަދި މިމަހުގެ 28 ވަނަ ދުވަހުވެސް ސޮހާ ކުރި ޓްވީޓެއްގައި ވަނީ ފަސް ދުވަހުގެ ޗުއްޓީއަކަށް ރާއްޖެ އަންނަންނީ ކަމަށެވެ. މޫސުން ގޯސްވާނެ ކަމަށް ބުނެފައިވާއިރު އުންމާދު ކުރަނީ އަވިދޭނެ ކަމަށްވެސް ލިޔެފައިވެ އެވެ.
ފަސްއަހަރު ވަންދެން ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅުމަށްފަހު 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކައިވެނި ކުރި ސައިފް އާއި ކަރީނާވަނީ އެމީހުންގެ ހަނީމޫންއަށްވެސް ރާއްޖެ އައިސްފަ އެވެ.
ކުރީގެ އިންޑިއާ ކްރިކެޓް ޓީމާގެ ކެޕްޓަން މަންސޫރު ޚާން ޕަތައުޑީ އާއި ބަތަލާ ޝަރްމީލާ ޓޭގޯ ގެ ފިރިހެން ދަރިފުޅު ސައިފް އަލީ ޚާން އެންމެ ފުރަތަމ ފިލްމަކުން ފެނިގެންގޮސްފައިވަނީ 1992ވަނަ އަހަރު އެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގައި ހިމެނޭ މިތަރި ވަނީ މިހާތަނަށް 50 ވުރެން ގިނަ ފިލްމުތައް ކުޅެފަ އެވެ. ބޮލީވުޑްގެ އެންމެ ނަންހިނގާ އާއިލާއަށް އުފަން ބަތަލާ ކަރީނާ ކަޕޫރުގެ ބައްޕަ އަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ރަންދީރު ކަޕޫރު އެވެ. އަދި ކަރީނާގެ މަންމަ ބަބީތާ އާއި ދައްތަ ކަރިޝްމާ ކަޕޫރަކީވެސް މަޝްހޫރު ބަތަލާއިންނެވެ.ދެހާސް ވަނަ އަހަރު ބޮލީވުޑަށް ތައާރްފުވި ކަރީނާ ވަނީ މިހާތަނަށް ގާތްގަނޑަކަށް 50 ހެއްހާ ފިލްމު ކުޅެފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ މަގްބޫލު މަންޒިލަކަށް ރާއްޖެވެފައި ވާއިރު މިދިއަ ދުވަސްތަކުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންތަކުގެ ތެރެއިން، ސޮނާކްޝީ ސިންހާ، ރިތިކް ރޯޝަން، ދިޕިކާ ޕަދުކޯން، ރަންވީރު ސިންގް، ބޮމަން އިރާނީގެ އިތުރުން ޕްރޮޑިއުސަ – ޑައިރެކްޓަރު ފަރާ ޚާންވެސް ވަނީ އޭނާގެ އާއިލާއާއެކު ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.