ވިޔަފާރި

ސީޕްލޭން ބިލްޑިންގާއި ރަންވޭގެ ފެހި ސަރަހައްދު ހަދަން ފަށައިފި

Jul 5, 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ ރަންވޭގެ، މެއިންޓަނަންސް ރިޕެއާ އެންޑް އޮޕަރޭޝަން (އެމްއާރްއޯ) ބިލްޑިން އާއި ރަންވޭގެ ފެހި ސަރަހައްދުގެ މަސައްކަތް ފަށައި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެމްއާރުއޯ އިމާރާތުގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްއާރްއޯ ބިލްޑިންގައި ހިމެނެނީ ސީޕްލޭން މަރާމާތު ކުރާ ސަރަހައްދާއި ބޯޓު ބާއްވާނެ އޭރިއާ އެވެ. އާ ސީޕްލޭން ސަރަހައްދުގެ މަސައްކަތް ވެސް ކުރަނީ ޗައިނާގެ ބީޖޫސީޖީ ކުންފުނިންނެވެ. އާ ސީ ޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ.

ރަންވޭ ފެހި ސަރަހައްދުގެ މަސައްކަތް

ސީޕްލޭންގެ މަސައްކަތުގެ އިތުރުން ބީޖޫސީޖިން އަޅަމުންދާ ރަންވޭގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމާ ގާތްވެފަ އެވެ. މި އަހަރުގެ ފަހު ކްއާޓަރުގައި މިތަން ހުޅުވާނެ އެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު ބައި ކަމަށްވާ، އާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކުން ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ބޯޓެތި "އޭ 380" ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރު ހަދާ އާ ރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުރެ އެވެ. އަދި އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މިތަން ހަދަމުން ދަނީ ކުރިން ފަޅެއްގެ ގޮތުގައި އޮތް ސަރަހައްދު ހިއްކައިގެންނެވެ

ރަންވޭގެ މަސައްކަތުގައި އަޅާ އެންމެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި މިއާއެކީގައި ރަންވޭގައި ފެހި ސަރަހައްދުގައި ވިނަ ހެއްދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ 300 މިލިއަން ޑޮލަރަށް ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ފެށުމުގެ ގޮތުން 1200 ޕައިލް ޖަހާނެ އެވެ. އަދި މި ޕައިޕްތައް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.

އާ ޕެސެންޖަރު ޓާމިނަލްގެ އިމާރާތަކީ ބޭރުގައި ހަދައިގެން ގެނެސް ރާވާލާ އިމާރާތެކެވެ. އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ހަދާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތުގެ ބޮޑު ބައެއް މި އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.