ބޮލީވުޑް

ދިޕިކާ އަނެއްކާވެސް ކަންގަނާ ދެރަކޮށްލައިފި

May 30, 2015

ބަތަލާ ކަންގަނާ ރަނާވަތު އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ބަތަލާ އޭ ބުނުމުން ދޮގަކަށްނުވާނެ އެވެ. މަދު އަހަރުތަކެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ލިބިފައިވީ ނަމަވެސް، ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ފަރާތުން އެއްބާރުލުމާއި ތާއީދު ނުލިބޭތީ އެކަމާއި ދެރަވާކަމަށް ކަންގަނާ ބުނެފި އެވެ.

ކަންގަނާވަނީ މިމަހުގެ އަށް ވަން ދުވަހު ރިލިޒްކުރި "ޕީކޫ"ގެ ހާއްސަ ސްކްރީނިން އަށް ގޮސް، ދިޕިކާ އެފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންއަށް ތައުރީފުވެސް ކޮށްފަ އެވެ. އެހެންނަމަވެސް، މިދިޔަ ހަފްތާގައި ރިލީޒްކުރި ކަންގަނާގެ ފިލްމު "ތަންނޫ ވެޑްސް މަންނޫ ރިޓާންސް'ގެ ހާއްސަ ސްކްރީނިންއަށް ދިޕިކާއަށް ދައުވަތު ދިން ނަމަވެސް، އޭނާ ނުދާކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ. މިކަމާ ވަރަށް ދެރަވެފައި ހުރި ކަންގަނާ ބުނީ އޭނާ ދިޕިކާއަށް ދައުވަތު ދިން ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ކަންގަނާ އަކީ އަބަދުވެސް އޭނާގެ އެކުވެރި ބަތަލާއިންނަށް ވަރަށް ސަޕޯޓްދޭ މީހެއްކަމަށާއި އަދި އަބަދުވެސް ދޭނެ ކަމަށެެވެ. ނަމަވެސް، އޭނާ އެމީހުންގެ އެއްބާރުލުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެމީހުންގެ ފަރާތުން އުންމީދުކުރާ ކަހަލަ އެއްބާރުލުމެއް ނުލުބޭތީ ދެރަވާކަމަށްވެސް ކަންގަނާ ބުންޏެވެ.

“ތަންނޫ ވެޑްސް މަންނޫ ރިޓާންސް"ގެ ޕްރޮމޯޝަންސް ތަކުގެ ތެރެއިން ކަންގަނާއާއި ވަނީ ދިޕިކާ "ޕީކޫ" ގައި ދައްކުވައިދީފައިވާ އެކްޓިން އާއި އަނުޝްކާ "އެންއެޗް10”ގައި ދައްކުވައިދީފައިވާ އެކްޓިންއާއި އަޅާކިޔާފަ އެވެ. މިކަމާ ވަރަށް ހިތްހަމަނުޖެހިގެން ކަންގަނާ ވަނީ އޭނާގެ އެކުވެރި ބަތަލާއިންގެ ހުނަރާއި އޭނާގެ ހުނަރާއި އަޅާނުކިޔޭނެ ކަމަށެވެ. އަދި އޭނާއަށް މިއަދު އާދެވިފައި ހުރި ހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތުންކަމަށާއި އޭނާވެސް ބޭނުންނަމަ ފަސޭހަ މަގު އިހްތިޔާރުކޮށްގެން ކާމިޔާބީ އާއި ހަމައަށް ފަސޭހައިން އާދެވުނީސް ކަމަށެވެ.އެގޮތުން އޭނާ ވަނީ ކައިވެނި ހަފްލާތަކުގައި ނެށުމަށް ލިބުނު ދައުވަތުތަކުގެ އިތުރުން، އިޝްތިހާރުތައް ކުޅުމަށް ލިބުނު ގިނަ ފުރުސަތުތަކާއި އިވެންޓްތަކުގައި ބައިވެރިވުމަށް ލިބުނު ފުރުސަތުތަށް ދޫކޮށްފަ އެވެ. އެހެންކަމުން ކަންގަނާ ބޭނުންވަނީ ހުރިހާ އެންމެންވެސް އޭނާ މިހާ ހިސާބަށް އައުމަށް ކުރި މަސައްކަތް ދަނެ އޭނާއަށް އިހްތިރާމްކުރުމަށް ކަމަށެވެ.

“އަހަންނާއި އެއްވެސް ބަތަލާއަކާއި އަޅާނުކިޔާ" ކަންގަނާ ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް ކަންގަނާ ވަނީ އެވޯޑް ހަފްލާއެއްގައި ދިޕިކާއަށް ލިބުނު އެވޯޑް ކަންގަނާ އަށް ޑެޑިކޭޓްކުރާ ކަމަށް ބުނެފަ އެވެ. މިކަމާވެސް ހިތްހަމަ ނުޖެހިގެން ކަންގަނާ ވަނީ އޭނާ އުންމީދުކުރަނީ ދިޕިކާ އޭނާއާއި ބައްދަލުވެ،އޭނާގެ މަސައްކަތްތަށް ތައުރީފުކުރުމަށް ކަމަށްވެސް ބުނެފަ އެވެ.އަދި ކަންގަނާއަށް "ކުއީން"އިން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުމުންވެސް ދިޕިކާ އޭނާއަށް ގުޅައި މަރުހަބާ ނުކިޔާކަމަށް ބުނެފަ އެވެ.

ކޮންމެއަކަސް ދިޕިކާއަށް ވުރެން ކަންގަނާ ކާމިޔާބުވުމުން އެކަމާ މިދެތަރިންގެ ދޭތެރޭގައި ޒާތީ މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ކަންގަނާ މިވަގުތު އަންނަނީ އިމްރާން ޚާން އާ އެކު ލީޑްރޯލުން ފެނިގެންދާ ޑައިރެކްޓަރު ނިކިލް އަދްވާނީގެ "ކައްޓީ ބައްޓީ"ގެ މަސައްކަތްކުރަމުން ނެވެ. މިފިލްމުގެ އިތުރުންވެސް ޑައިރެކްޓަރު ހަންސަލް މެހްތާގެ ފިލްމެއްގެ މަސައްކަތްވެސް ކަންގަނާ އަންނަނީ ކުރަމުންނެވެ.