ކުޅިވަރު

ފުޓްބޯޅަ އެކެޑެމީ ބިންގާ އަޅައިފި، ތިން މަސްތެރޭ ނިމޭނެ

Jul 5, 2018
1

ހުޅުމާލޭގައި ގާއިމު ކުރާ ގައުމީ ފުޓްބޯޅަ އެކެޑެމީގެ ބިންގާ އަޅައިފި އެވެ. ގައުމީ ފުޓްބޯޅަ އެކެޑެމީގެ ފުރަތަމަ މަރުހަލާ ނިމި ތިން މަސް ދުވަހުގެ ތެރޭގައި ހުޅުވުމަށް އެފްއޭއެމުން ވަނީ ޓާގެޓް ކޮށްފަ އެވެ

ފުރަތަމަ މަރުހަލާގައި ނިމޭއިރު ހިމެނޭނީ، އެކޮމެޑޭޝަން ބްލޮކަކާއި އޮފީސް އިމާރާތެއްގެ އިތުރުން ޓާފް ދަނޑެކެވެ

މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި، ފުޓްބޯޅަ އެކެޑެމީގެ ބިންގާ އަޅުއްވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލްގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ނާސިފް އެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ފުޓްބޯލް އެކެޑެމީއެއް ގާއިމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރެއްވީ، 2016 ވަނަ އަހަރު އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ހުޅުމާލޭގައި ގާއިމު ކުރާ ފުޓްބޯޅަ އެކެޑެމީގެ ގާއިމު ކުރާނީ 100 ކުދިންނަށް ތަމްރީން ފޯރުކޮށްދެވޭ ގޮތަށް ކަމަށެވެ. އެކެޑެމީ ކުރިއަށް ދާނީ ބޯޑިން ކޮލެޖެއް ހިންގާ ގޮތަށް ކުދިންނަށް އެތަނުގައި ދިރިއުޅެވޭނެ ގޮތަށެވެ.

"ކޮލެޖެއްގެ ބޯޑިން ހުންނަ ކަހަލަ ގޮތަކަށް މި އެކެޑެމީ ދާނީ ފުޓްބޯޅައާ ކިޔެވުމާ އެކީގައި ކުދިން އައިސް ތިބޭ ގޮތަށް،" މި ހަފުތާގައި އެފްއޭއެމުން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވެފައި އެވެ. "އެކެޑެމީގައި އެ ކުދިން އެއް އަހަރުން އަނެއް އަހަރަށް ލެވަލްތައް މައްޗަށް ދާގޮތަށް ރާވާފަ ވާނީ، އަދި ހަމަ އެއާއެކީގައި ފުޓްބޯޅަ ކުޅުމުގެ ހުނަރު ވެސް ޑިވެލޮޕް ވަމުން ދާން ވާނެ."

"އަޅުގަނޑުމެން މިހާރު ރާވާފަ އޮންނާނީ، އެކެޑެމީ ފަށާތާ ފަސް އަހަރު ތެރޭގައި ފުރަތަމަ ޑިވިޝަން ނުވަތަ ދެ ވަނަ ޑިވިޝަނަށް ކުޅުންތެރިން ނެގުމުގައި، އެ އެކެޑެމީގައި ތަމްރީންތައް ފުރިހަމަ ކޮށްފައި ތިބި ކުޅުންތެރިން ނެގޭގޮތަށް ކުރިއަށް ދާނީ، ފުރަތަމަ ފަސް އަހަރު ތެރޭގައި ކުލަބުގެ 30 ޕަސަންޓް ކުޅުންތެރިންނަކީ މި ތަނުގެ ކުޅުންތެރިންނަށް ވާން ޖެހޭނެ، 10 ނުވަތަ 12 އަހަރު ތެރޭގައި އަޅުގަނޑުމެން ބަލާނީ ކުލަބުތަކަށް ދާ ކުޅުންތެރިންގެ 100 ޕަސަންޓަކީ މިތަނުގެ ކުޅުންތެރިންނަށް ވާން ޖެހޭނެ ކަމަށް."

ބައްސާމް ވިދާޅުވީ، އެކެޑެމީއަށް ކުދިން ހޯދުމަށް، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ ބޭފުޅުން މި މަހު ފަހު ކޮޅު ރަށްރަށަށް ވަޑައިގަންނަވަން ފައްޓާވާނެ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އެކެޑެމީގެ ތަމްރީންތައް ފެށުން ކަމަށެވެ.