ހަބަރު

ކުދިންނަށް ޓެބްލެޓް ހަވާލުކޮށް، އޮރިއެންޓޭޝަން ފަށައިފި

ސްމާޓް ތައުލީމީ ނިޒާމެއް ގާއިމްކުރަން އެޑިއުކޭޝަން މިނިސްޓްރީން ފަށަފައިވާ ޓެބްލެޓް މަޝްރޫއުގެ ދަށުން މިހާތަނަށް އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ ސްކޫލްތަކެއްގެ ކުދިންނަށް ޓެބްލެޓް ހަވާލުކޮށް، އޮރިއެންޓޭޝަން ޕްރޮގްރާމްތައް ފަށާފައިވާ ކަމަށް އެޑިއުކޭޝަން
މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ސަރުކާރު ސްކޫލްތަކެއްގައި ކިޔަވާ ކުދިންނަށް ޓެބްލެޓް ހަވާލުކޮށް ނިމޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު މިނިސްޓްރީގެ ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އަތޮޅުތަކުގެ ބޮޑު ބަޔަކަށް މިހާރު ޓެބްލެޓް ފޮނުވާފައިވާކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށްރަށުގެ ސްކޫލްތަށް ފުރަތަމަ ނިންމާލައި މާލޭގެ ސްކޫލްތަކަށް ވެސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓެބްލެޓް ހަވާލުކުރާނެ ކަމަށެވެ.

"ޓެބްލެޓް ބެހުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް އެބަ ދޭ، އެންމެ ފުރަތަމަ އަތޮޅު ތެރޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން މިކަން ކުރިއަށް މި ގެންދަނީ. މިހާރު ގިނަ ރަށްރަށަށް ޓެބްލެޓް ފޮނުވައިފި. އެހެންވީމަ ތެބްލެޓް ކުދިންނާ ހަވާލުކުރާ ސްކޫލްތަކުގައި މިހާރު ކުރިއަށްދަނީ ކުދިންނަށް އޮރިއެންޓޭޝަން ދިނުމާއި ބެލެނިވެރިން ޓެބްލެޓަށް ހޭލުންތެރިކުރުމުގެ ކަންކަން،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ، ޓެބްލެޓް ބޭނުންކުރަން ފެށިޔަސް ޓެކްސްޓް ފޮތްތައް ދޫކޮށްނުލާނެ ކަމަށެވެ. އެހެންކަމުން ޓެބްލެޓް ބޭނުންކޮށްގެން ކުދިންނަށް ކިޔަވައިދޭން ފަށާނީ ސްކޫލްތަކުން ނިންމާ ދުވަހަކާއި ޝެޑިއުލެއްގެ ދަށުން ކަމަށެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ޓެބްލެޓް ބަހަން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ސަރުކާރު ސްކޫލްތަކުގެ ގޮތު ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ގަތީ ވޭވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުރެ އެވެ.