ހަބަރު

އަންނަ މަސް ނިމުމުގެ ކުރިން ބްރިޖު ހުޅުވާނަން: މުއިއްޒު

މާލެއާ ހުޅުލެ ދެމެދު އަޅައި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު"ގެ މަސައްކަތް ނިންމައި އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުލެ ގުޅޭނެ ކަމަށާއި އެއީ ތާރީހުގައި ލިޔެވިގެންދާނެ ބޮޑު ހާސިލުވުމެއް ކަމަށެވެ. އަދި ބްރިޖުގެ ގުޅުމަށް ފަހު ތާރު އެޅުމާއި ބްރިޖެއްގެ ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމުގެ މަސައްކަތް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާގެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައިވާ ގޮތުން ބްރިޖު ނިންމަން ޖެހެނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައި ކަމަށާއި ނަމަވެސް ޖުލައި 26 ވަނަ ދުވަހަކީ މިނިވަން ދުވަސް ކަމަށްވާތީ ކޮންޓްރެކްޓަރު އަމިއްލައަށް އެ ދުވަހަށް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަަމަވެސް އެއީ ފައިނަލް ޑޭޓެއް ކަމަށް އެއް އިރެއްގައި ވެސް ވިދާޅުވެފައި ނުވާނެ ކަމަށާއި ނަމަވެސް މިހާރު ވެސް އޮތީ ތާވަލަށް ވުރެ އެއް މަސް ކުރީގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން ބްރިޖުގެ މަސައްކަތް ނިންމާ އަންނަ މަސް ނިމުމުގެ ކުރިން ބްރިޖު ހުޅުވޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިހާރު މަސައްކަތުގެ ސްޕީޑު ހުރީ އެއް މަސް ދުވަސް ކުރިޔަށް، އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ޔަގީން އިރާދަކުރެއްވީއާ އޮގަސްޓު މަހުގެ ތެރޭގައި، އޮގަސްޓު މަސް ނިމުމުގެ ކުރިން ބްރިޖު ހުޅުވޭނެކަން، އެއީ ޖުލައި ނުވައެއްގައި ފިޒިކަލް ކަނެކްޝަން އެ ހެދެނީ، ދެން އޭގެ މަތިން ހަދަން ޖެހޭ އެއްޗެހި ހެދުމާއި ހުޅުލޭ ކޮޅުން މަގުގެ މަސައްކަތާއި މާލޭ ކޮޅުގެ މަސައްތަކާ އެއްކޮށްލައިގެން އޮގަސްޓުމަހުގެ މެދު ތެރެއާ ހަމަޔަށް ދާއިރަށް ބްރިޖު އެއްކޮށް ނިމޭނެ، އަދި އޮގަސްޓު މަހުގެ ތެރޭގައި ބްރިޖު ހުޅުވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޕީޑު އަވަސް ވިޔަސް ކޮލިޓީ އެއްވަނަ!

ބްރިޖުގެ މަސައްކަތް ތާވަލަށް ވުރެ އަވަސްވި ނަމަވެސް އެ މަސައްކަތުގެ ކޮލަޓީއާމެދު އެއްވެސް ސުވާލެއް އުފެއްދޭނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ބްރިޖުގެ ކަންކަމުގައި ލަފާދީ ކޮލިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައި ވާނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅަށް ބްރިޖުގެ މަސައްކަތް ބަލަހައްޓާ ކޮންސަލްޓުކޮށް ޑިޒައިން ކުރާ އިންގިރޭސިވިލާތުގެ އިންޖީނިއަރިން ކުންފުންޏެއް ކަމަށްވާ "އާރުޕް" އާ ކަމަށެވެ. އަދި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކައިރިން ބަލަހައްޓަމުން އަންނަނީ އެ ކުންފުނީގެ ވެސް ބްރިޖުގެ މަސައްކަތުގެ ގްލޯބަލް ލީޑަރު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކޮންސަލްޓަންޓަކީ އާރުޕް، އަދި ހާއްސަކޮށް މި ޕްރޮޖެކްޓުގައި އުޅުއްވަނީ އެ ކުންފުނީގެ ގްލޯބަލް ބްރިޖު ލީޑަރު، އާރުޕް ކުންފުނީގެ ދުނިޔޭގެ ހުރިހާ ބްރިޖު މަސައްކަތެއްގެ ވެސް ލީޑަރު ޕާސަނަލީ ހަވާލުވެގެން އިރުއިރުކޮޅާ މިތަނަށް ވަޑައިގެން މި މަސައްކަތް ބަލަހައްޓަވަނީ، އެހެންވީމަ އެހާ ޔަގީންކަން ބޮޑު ގޮތެއްގައި ރައީސް ޔާމީން މި މަސައްކަތް ކުރިޔަށް މިގެންދަވަނީ،" މުއިއްޒު ވިދާޅުވި އެވެ.

އާރުޕް ކުންފުނީގެ އިތުރުން ޗައިނާ އިން ވެސް ބްރިޖުގެ މަސައްކަތުގެ ކޮލަޓީ ބެލުމަށްޓަކައި އިންޓަނޭޝަނަލް ފެންވަރުގެ ކޮންސަލްޓަންޓުން ހަޔާކޮށްގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ބްރިޖުގެ މަސައްކަތް ތާވަލަށް ވުރެ އަވަސްވި ނަމަވެސް ކޮލަޓީ ރަނގަޅުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.