މާ ދުރު ނޫން މާޒީއެއްގައި، ޖަސްޓިން ވުލްވާޓަން ހިނގީ އެމެރިކާގެ އެކި ސުޕަމާކެޓްތަކުގައި އާދޭސް ކުރަމުންނެވެ. އޭނާގެ އަމިއްލަ ގޭގައި ތައްޔާރު ކުރަން ފެށި އައިސްކްރީމް، ފިހާރަތަކުގެ ފްރީޒަރުތަކުން ޖަގާއެއްދޭތޯ ބުނެ އެވެ. އޭނާގެ އަމިއްލަ ބްރޭންޑް "ހޭލޯ ޓޮޕް" ހަކުރު މަދު "ޑައިޓް" އައިސް ކްރީމް ނުވިކި ގިނަ ވެފައިވާތީ އެވެ.
"އަހަރެމެން އޭރު ތިބީ ހަމަ ކިރިޔަ ކިރިޔާ،" 38 އަހަރުގެ ޖަސްޓިން އޭނާ 2012 ފެށި ވިޔަފާރި އާއި ގުޅޭގޮތުން ބުނެފައިވެ އެވެ.
"އަހަރުން ބުނަމުން ދިޔައީ ހެޔޮނުވާނެ އޭ އަހަރުމެންގެ އައިސްކްރީމް ބަހައްޓައިދޭށޭ. އަދި ރަނގަޅު ވާނެއޭ."
އުއްމީދު ގެއްލުވާނުލައި ހިތްވަރު ކުރިޔަސް، ޖަސްޓިންގެ ވިޔަފާރިއަށް ދެން އައި އިންގިލާބު އޭނާއަށް ވެސް ލަފާކޮށްލަން ނޭނގެ އެވެ.
ގޭގެ ބަދިގެއިން ފެށި ވިޔަފާރި، އެންމެ ހަ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގައި އެންމެ ގިނައިން ވިކޭ އައިސްކްރީމް ގެ ލަގަބު ހޯދި އެވެ.
މާކެޓިންގްއަށް ހަރަދު ކުރާނެ ފައިސާއެއް ނެތުމުން، ސޭލްސް ރަނގަޅު ކުރަން ޖަސްޓިން ބޭނުންކުރީ ސޯޝަލް މީޑިއާގެ އެހީ އެވެ.
އެ މަސައްކަތުގައި އުޅެނިކޮށް ނަސީބު އައިސް އަތުގަ ހިފީ އެވެ. މަޝްހޫރު ޖީކިޔު މެގަޒިންގެ ނޫސްވެރިއަކު ލިޔުނު ޝައުގުވެރި ރިޕޯޓަކާއި ގުޅިގެންނެވެ. ދިހަ ދުވަސް ވަންދެން ހަމައެކަނި ޖަސްޓިންގެ ހޭލޯ ޓޮޕް އައިސް ކްރީމް ކައިގެން ގައިގަ ހުރި ސަރުބީތައް ވިރުވާލައި، ކައްޓާއަށް އެނގުން ކޮށްލި ވާހަކަ އެވެ.
ދެން ކަންތައްވީ ގޮތުން މާބޮޑު ހައިރާންކަމެއް ޖަސްޓިންއަކަށް ވެސް ނުލިބުނެވެ. އެ ހަބަރު ޝާއިއު ކުރުމާއެކު، މުޅި އިންޓަނެޓާއި ސޯޝަލް މީޑިއާގައި ވަކި ހިއްޕާލި އެވެ. ހޭލޯ ޓޮޕް އައިސްކްރީމްގެ ޑިމާންޑު ކުއްލިއަކަށް ފާލުން ނެއްޓި އެވެ.
ހޭލޯ ޓޮޕްގެ 28.8 މިލިއަން ތަށި 2016 ވަނަ އަހަރު ވިކުނެވެ. އެ އަހަރު ލިބުނު 132.4 މިލިއަން ޑޮލަރުގެ އާމްދަނީ ވަނީ "ބެން އެންޑް ޖެރީސް" އަދި "ހަގެންޑާސް" ފަދަ މަޝްހޫރު ބްރޭންޑްތައް ވެސް ފަހަތަށް ޖައްސައިލާފަ އެވެ.
ޖަސްޓިންގެ އާއިލާގެ ބައެއް މެމްބަރުންނާއި ދެ ތިން ރަށްޓެއްސެއް ފިޔަވާ، އެއްވެސް ބޮޑު އިންވެސްޓަރުންތަކެއް ނެތް ކުންފުންޏަކަށް ކުޑަ ކާމިޔާބީއެއް ނޫނެވެ.
ކުޑަކުޑަ ކުންފުންޏެއްގެ ހިޔަނި ބިޔަވުމުން، ފާޑު ކިޔުން އިތުރުވުމަކީ މި ޒަމާނުގެ ހަގީގަތެވެ. ހޭލޯ ޓޮޕް އަށް އައިސްކްރީމެއް ނުކިޔޭނޭ ބުނާ އަޑުތައް ގަދަވެފައިވާއިރު، އޭގެ ސިއްހީ މަންފާތަކާއި ގުޅޭ ގޮތުން އެތަކެއް ސުވާލެއްވަނީ މިހާރު ފެންމަތިވެފަ އެވެ.
ޖަސްޓިންގެ ދިރިއުޅުން މިހާރު ބަދަލުވެ ބޮޑު މަހުޖަނަކަށް ވެފައިވީ ނަމަވެސް، އެއް ޒަމާނެއްގައި އޭނާ މަސައްކަތް ކުރީ ވަކީލެއްގެ ގޮތުންނެވެ. ހޭލޯ ޓޮޕް އީޖާދު ކުރެވުނުވީ ވެސް ހަކުރު ބަލީގެ މީހަކަށްވާތީ، ކެވޭ އެއްޗެއްސަށް ބަދަލެއް ގެންނަން އުޅުމުގެ ތެރޭގަ އެވެ.
ފޮނި އެއްޗެއް ކާލުމުގެ ބަދަލުގައި ޖަސްޓިން ކާން ފެށީ މޭވާ އަޅައިގެން ޔޯގަޓް ތަށްޓެކެވެ. ރަހަ މީރުކޮށްލަން ހަކުރުގެ ބަދަލުގައި ބޭނުންކުރާ ސްޓެވިއާ ކޮޅެއް ވެސް އަޅައިގެންނެވެ.
ދެން ބޮލަށް ވަނީ ހިޔާލެކެވެ. ވަކިވަކިން އެ ހުރިހާ އެއްޗެއް އަޅައިގެން ކެއުމުގެ ބަދަލުގައި، އެ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެ ވިސްނުމުގައި އެންމެ 20 ޑޮލަރަށް ލިބޭ ކުޑަ އައިސްކްރީމް ހަދާ މެޝިނެއް އޭނާ ހޯދި އެވެ. ލާނީ ކޮން ރަހައެއްތޯ ހުދު އޭނާގެ ހިތަށް ވެސް އެރި އެވެ.
"އަހަރެންވެސް ހައިރާންވާހާ މީރު ވީ. ދެން ހިތަށް އެރީ މަށަށް އެހާ މީރު ވަންޏާ އެހެން މީހުންނަށް ވެސް ވާނެ އޭ،" ހޭލޯ ޓޮޕް ފެށުނު ވަގުތާއި ބެހޭ ގޮތުން ޖަސްޓިން ބުންޏެވެ.
ޖަސްޓިން ދެން މަސައްކަތް ފެށީ އޭނާގެ މީރު އީޖާދު އިތުރަށް ފައްކާކުރާށެވެ. އައިސްކްރީމް އަސްލު ގޮތްގަނޑު ނުހުންނާތީ، ޔޯގަޓުގެ ބަދަލުގައި ކިރު ބޭނުންކުރި އެވެ. ތަފާތު މޭވާތައް ވެސްމެ އެވެ.
"ތެދު ތެދަށް ބުނަންޏާ، އެއް އަހަރު ދުވަހު ހަމަ ހުސް ފެއިލް ވެގެން ކާމީޔާބުވީ،" ޖަސްޓިން ބުންޏެވެ.
ހޭލޯ ޓޮޕް ފަށަން ބޭނުންވި ފައިސާ ޖަސްޓިން އާއި އޭނާގެ ޕާޓްނަރު ހަމަކުރީ، އައިލާ އާއި ރަށްޓެހިންނާއި އެތަން މިތަނުން ލޯނުތައް ނަގައިގެންނެވެ.
ޖަސްޓިންގެ ބްރޭންޑުގެ ކާމިޔާބީގެ ފަހަތުގައި ސޯޝަލް މީޑިއާގެ ބޮޑު ހިއްސާއެއްވާ ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި އޭނާގެ އައިސްކްރީމް މާކެޓު ކުރީ ސީދާ ޖަސްޓިންގެ މޮޅު ވިސްނުމަކުންނެވެ. ކޮލެޖުގައި ކިޔަވާ ކުދިންތަކަކަށް ނަގައިގެން، ޖަސްޓިން އަމާޒުކުރީ ސިއްހަތާއި ފިޓްނަސް އާއި ބެހޭ ގޮތުން ޔޫޓިއުބާއި އިންސްޓަގްރާމުގައި ޕޯސްޓް ކުރަމުންދާ މީހުންނަށް ކޫޕަންތައް ފޮނުވައިގެންނެވެ. ހޭލޯ ޓޮޕްގެ މާކެޓަކީ ޑައިޓް ކުރާ ނުވަތަ ސިއްހަތާއި ފިޓްނަސްއަށް ލޯބިކުރާ މީހުންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާނެ ކަމަށް ވިސްނިގެންނެވެ.
ޖީކިއު މެގަޒިންގެ ނޫސްވެރިއާގެ ސަމާލުކަމަށް ހޭލޯ ޓޮޕް ގެނެވުނީ ޖަސްޓިންގް ބުރަ މަސައްކަތާއި ނުގުޑާ އަޒުމްގެ ސަބަބުންނެވެ. އެހެނަސް ޖަސްޓިންގެ މުސްތަގުބަލާއި އެ އާޓިކަލް އާ ބޮޑު ގުޅުމެއްވާ ކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެ ނޫސްވެރިއާ ކުރި ކަންތައް ނުކުރުމަށް އޭނާ ނަސޭހަތްތެރިވެ އެވެ.
"އެއީ ކުރަންވާނެ ކަމެއް [ހޭލޯ ޓޮޕް ޑައިޓް] ނޫން. އެކަމަކު އެއީ ވަރަށް މަޖާ، ސަޅި އާޓިކަލެއް."