ދުނިޔެ

ރެސްޓޯރަންޓަށްދާ މީހުންގެ ބަރުދަން ބަލާތީ ހޫނުވެއްޖެ

Aug 16, 2020

ބެއިޖިންގް (އޯގަސްޓް 16) - ޗައިނާގެ ރެސްޓޯރަންޓަކަށް ދާ މީހުންގެ ބަރުދަނާ އެއްވަރަށް ކާނާ އޯޑަރު ކުރަން ބާރު އެޅި މައްސަލައެއް ހޫނުވެ، އެންމެ ފަހުން އެކަމަށް އެ ރެސްޓޯރަންޓުން މައާފަށް އެދިއްޖެ އެވެ.

އެ ރެސްޓޯރަންޓުން އެގޮތަށް ހަމަޖެއްސީ، ޗައިނާގެ ރައީސް ޝީ ޖިންޕިން ކާނާ އިސްރާފު ކުރުމާ ދެކޮޅަށް ދާދި ފަހުން އިއުލާނު ކުރެއްވި ގައުމީ ކެމްޕެއިނަކާ ގުޅުވައިގެނެވެ.

އެގޮތުން ޗައިނާގެ ޗަންގްޝާ ސިޓީގައި ހުންނަ ރެސްޓޯރަންޓު ބޭރުގައި ދެ ކައްޓާ ބަހައްޓައިފައި ވެއެވެ. އަދި ރެސްޓޯރަންޓަށް އަންނަ ކަސްޓަމަރުންގެ ބަރުދަން ބެލުމަށް ފަހު، އެ މައުލޫމާތު އެޕެއްގައި ހިއްސާ ކުރުމުން، މެނޫގާ ހުންނަ ޑިޝްތަކުގެ ތެރެއިން އެމީހެއްގެ ބަރުދަނާ ގުޅޭ ޑިޝްތައް ހުށަހަޅަ އެވެ.

ނަމަވެސް، އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބައަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ރެސްޓޯރަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެކަމާ ގުޅިގެން ފަހުން ރެސްޓޯރަންޓުން ވަނީ މައާފަށް އެދިފަ އެވެ.

"އަޅުގަނޑުމެން ބޭނުންވީ ކާނާ އިސްރާފުވާ މިންވަރު މަދުކޮށް، ސިއްހަތަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުން. އެގޮތުން، އެއްވެސް ކަސްޓަމަރެއްގެ ބަރުދަން ބަލަން ލާޒިމު ކޮށްފައެއް ނުވާނެ،" އެ ރެސްޓޯރަންޓުން ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

ޗައިނާގައި ކާނާ އިސްރާފު ކުރާ މިންވަރު ހުރީ ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައި ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ގައުމީ ކެމްޕެއިނެއް ރައީސް ޝީ އިއުލާނު ކުރެއްވީ މިދިއަ ހަފުތާގެ ތެރޭގަ އެވެ.

ޝީގެ މެސެޖާ ގުޅިގެން ވޫހާން ކޭޓަރިން އިންޑަސްޓްރީ އެސޯސިއޭޝަނުން ވަނީ ގުރޫޕު ހަދައިގެން ކާންދާ މީހުންގެ އަދަދަށް ވުރެ އެއް ޑިޝް މަދުން ސާވް ކުރުމަށް ރެސްޓޯރަންޓުތަކަށް އިލްތިމާސްކޮށްފަ އެވެ.