ކުޅިވަރު

ޔޫތު ލީގްގެ ޓައިޓަލް ސްޕޮންސަރަކަށްވެސް ދިރާގު

އެފްއޭއެމުން މުޅިން އަލަށް ފަށާ ޔޫތު ލީގްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ޔޫތު ލީގް މި އަހަރު ފަށަނީ އުމުރުން 13 އަހަރުގެ ކުދިންނަށް އަމާޒުކޮށެވެ. ނަމަވެސް އަހަރުން އަހަރަށް އުމުރުފުރާތަށް އިތުރު ކުރުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. ޔޫތު ލީގްގައި އަށް އެކެޑެމީ އަކުން ނުވަތަ އަށް ޓީމަކުން ވާދަ ކުރެ އެވެ.

އެއީ އީގަލްސް އާއި މާޒިޔާ، ބީޖީ، ހުޅުމާލެ ސްޕޯޓްސް އެކެޑެމީ، އެމްއެއެސް ހެލްޕިން ހޭންޑް އެކެޑެމީ، އަމްސާ، އާލީޓަޗް ފުޓްބޯޅަ އެކެޑެމީ، (އީޓީއެފްއޭ) އަދި މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ، ހުސައިން ޖަވާޒު ވިދާޅުވީ އަހަރުތަކެއް ކުރިން އެފްއޭއެމުން ބޭއްވި ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމްގައިވެސް އެފްއޭއެމްއަށް އެންމެ ބޮޑު އެއްބާރުލުމެއް ދިނީ، ދިރާގުން ކަމަށެވެ. ފުޓްބޯޅައިގެ ޑިވްލަޕްމެންޓަށް އަލުން ދިރާގާއެކު ކުރިއަށް ދާން ފުރުސަތު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޖަވާޒު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު ހިސާން ބުނީ، ޒުވާނުންގެ ކުރި އެރުމަށް، ދިރާގުން ވަރަށް އިސްކަންދޭ ކަމަށާއި، މިއަހަރު ބޭއްވި ޕްރީ ސްކޫލް ލީގްވެސް ދިރާގުން ބައިވެރިވެފައި ވާނެ ކަން އޭނާ ފާހަގަ ކުރި އެވެ.

ކުޅިވަރު އެކުވެނީގައި މިދިޔަ އޭޕްރީލް މަހު ހުޅުވި މިނީ ޓާފް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ލީގަކީ އެކެޑެމީ ތަކަށް ހާއްސަ ލީގެކެވެ. ހޮނިހިރު ދުވަހު ހަވީރު 4:30 ގައި ފަށާ ލީގް ހުޅުވާނީ މާޒިޔާ އާއި ކުލަބު އީގަލްސް އެވެ.

ފޮޓޯ: އެފްއޭއެމް