ވިޔަފާރި

ބޮންޑު ވިއްކައިގެން އެޗްޑީއެފްސީއަށް 81 މިލިއަނަށްވުރެ ގިނަ ރުފިޔާ

Jul 6, 2018
1

ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބޮންޑު ވިއްކައިގެން 81.39 މިލިއަން ރުފިޔާ ހޯދައިފި އެވެ.

އެޗްޑީއެފްސީ އިން މިދިޔަ މަހު ބޮންޑު ވިއްކަން ހުޅުވާލާފައިވަނީ ބޮންޑެއް 10،000 ރުފިޔާ އަށް ކަމަށެވެ. އެގޮތުން އެ ކުންފުނިން މިފަހަރު ވިއްކާފައިވަނީ ވިއްކަނީ 100 މިލިއަން ރުފިޔާގެ ބޮންޑެވެ.

އެ ކުންފުނިން ބުނީ ތިނެއް ޖޫން އިން 24 ޖޫން ގެ ނިޔަލަށް ހުޅުވާލާއިގެން ކުރިއަށް ގެންދެވުނު މި ބޮންޑުގައި 17 ފަރާތަކުން ބައިވެރިވެ 81.39 މިލިއަން ރުފިޔާ އެޗްޑީއެފްސީ އިންވެސްޓްކޮށްފައިވާ ކަމަށެވެ. މިއީ އިންވެސްޓް ކުރުމަށް ހުޅުވާލި 100 މިލިއަން ރުފިޔާގެ 81.3 ޕަސެންޓް ކަމަށެވެ. އަދި އެކެއް ޖުލައިގައި ބޮންޑުގައި އިންވެސްޓް ކުރެއްވި ފަރާތްތަކަށް ބޮންޑު އެލޯޓުކުރެވި އެކަން ލިޔުމުން ވަނީ އަންގާފައިވާ ކަމަށެވެ.

އެޗްޑީއެފްސީ އިން މި ބޮންޑު ވިއްކީ "މޯގޭޖު ހައުސިންގް ފައިނޭންސިން" މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. މި ބޮންޑުގެ މުއްދަތަކީ 10 އަހަރު ދުވަހެވެ. އަދި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް ހަތް ޕަސެންޓް ކަމަށާއި ބޮންޑު ގަންނަ މީހުންނަށް އަހަރަކު ދެ ފަހަރު ފައިދާ ބަހަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ބޮންޑު ވިއްކަން ހުޅުވާލުމުން ނުވަ ފަރާތަކުން ބައިވެރިވެ 51.97 މިލިއަން ރުފިޔާ ވަނީ އެޗްޑީއެފްސީ ގައި އިންވެސްޓް ކުރި އެވެ. މިއީ އިންވެސްޓް ކުރުމަށް ހުޅުވާލި 150 މިލިއަން ރުފިޔާގެ 35 ޕަސެންޓް އެވެ. އެ ކުންފުނިން ބުނީ އެހެންކަމުން މިއީ 2013 ވަނަ އަހަރުގެ ބޮންޑަށް އިންވެސްޓް ކޮށްފައިވާ މިންވަރާއި އަޅާބަލާއިރު 47 ޕަސެންޓް އިތުރުވުމެއް ކަމަށެވެ.

"އެޗްޑީއެފްސީ ފަދަ މާލީ އިދާރާތަކުން ހުޅުވާލާ މިފަދަ އިންވެސްޓްމެންޓް ފުރުސަތުތަކުގައި އިންވެސްޓް ކުރާ މިންވަރު އަހަރެއް ވުރެ އަހަރެއް އިތުރުވަމުން ދާކަމީ، ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީވެ ކުރިއަރަމުން އަންނަ ކަމާއި، މިފަދަ އިންވެސްޓްމެންޓް ފުރުސަތު ތަކަށް ރައްޔިތުން ހޭލުންތެރިވާ މިންވަރު އިތުރުވެ މިފަދަ ފުރުސަތުތަކަށް މަގުފަހިކޮށްދޭ މާލީ އިދާރާތަކުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވަމުން އަންނަ ކަމުގެ ހެއްކެކެވެ،" އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީއެފްސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 81 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަނެއް ފައިދާއަކީ ކުންފުނީގެ ޓްރާންސްޕޭރެންސީ ކަމެވެ. އެޗްޑީއެފްސީއަކީ ކޮންމެ ކުއާޓާއެއްގައި އޮޑިޓް ކުރާ ކުންފުންޏެވެ. މިގޮތުން އެކްސްޓާނަލް އޮޑިޓާއި އިންޓާނަލް އޮޑިޓް ބަރާ ބަރަށް ކުރެ އެވެ. އޮޑިޓް ކުރުމުގައި ބޭރުގެ އެންމެ މަޝްހޫރު އެއް އޮޑިޓް ފާމްތައް މަސައްކަތް ކުރެ އެވެ.

އެޗްޑީއެފްސީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓާއެކުގަ އެވެ. ދެން އޮތް އަނެއް އިތުބާރަކީ ކުންފުނީގެ މާލީ ހާލަތެވެ.