ހަބަރު

ރައީސް ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން: އަދުރޭ

ލ. ފޮނަދޫން: މޫސާ ރަޝީދު
Jul 6, 2018
28

ކުރިޔަތް އޮތް ރިޔާސީ އިންތިހާުބުގައި ރައީސް އަބްދުﷲ ޔާމީންއަށް ވޯޓު ނުދޭނީ ގައުމާއި ރައްޔިތުންގެ އަދުއްވުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާހުކޮށްދިނުމުގެ ގޮތުންް އެ ރަށަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން އަބްދުރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ އިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައި ހުރި ބަދަލުތަކާ މެދު ފުންކޮށް ވިސްނާ، ދެން އޮތް ފަސް އަހަރު ކުރިޔަށް ދާނީ ކޮން ވެރިއަކާ އެކުގައިތޯ ވިސްނަން
ޖެހޭ ކަމަށެވެ.

އެގޮތުން އަންނަ ދައުރުގައި އާ މީހަކު ތަޖުރިބާ ކުރާ ބަޔަކަށް ދިވެހިން ވެގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ކުރިޔަށް ދާންވީ ތަޖުރިބާ ކާރަކާއެކުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީންގެ ތަޖުރިބާއާ ދޭތެރޭ ސުވާލު އުފައްދާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި ރައީސް ޔާމީން ފަދަ ބޭފުޅަކު ރިޔާސީ އިންތިހާބަށް ކުރިމަތިލާފައި ވަަނިކޮށް އެމަނިކުފާނާ ވާދަ ކުރަން ނިކުންނަ އެހެން މީހަކަށް އާ ބަސް ބުނާނީ ދިވެހި ގައުމާއި ރައްޔިތުންގެ އަދުއްވުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންއަކީ ސަރުކާރު ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއް، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް، އެމަނިކުާނަކީ ދިވެހި ވެއްޓަށް ފެތޭ ގޮތަށް މަސައްކަތް ކުރައްވާ ރާއްޖޭގެ ސަގާފަތް ދެނިވަޑައިގަންނަވާ ބޭފުޅެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ. "މިފަހަރު ޔާމީންއާ ދެކޮޅަށް ވޯޓު ދެއްވާ ކޮންމެ މީހަކީ ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ އަދުއްވުން،"

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓު، އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއެކު މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަމުން އަންނަތާ ނުވަ އަހަރުވެފައިވާ ކަމަށާއި ނަމަވެސް އިބޫއަށް މެޖޯރިޓީ ލީޑަރު ކަމެއް ވެސް ރަނގަޅަކަށް ނުކުރެވޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަކަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތް މައްސޫލިއްޔަތުތައް އަދާ ކުރެވޭނެ ކަމާމެދު
ސުވާލު އުފެދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއް ތިން އަހަރުގެ ތެރޭގައި ނިމިގެން ދިޔަ އިރު ރަށުގެ ތަރައްގީއަށް މާބޮޑު ކަމެއްކޮށްދީފައެއް ނުވާ ކަމަށާއި ނަމަވެސް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުން ލ އަތޮޅަށް 700 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކމުން ފޮނަދޫގެ ތަރައްގީ އާއި ކުރި އެރުމަށްޓަކައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ރަށަކުން އެންމެ ގިނައިން ރައީސް އަބްދުﷲ ޔާމީންއަށް ވޯޓުން ބޮޑު ޕަސަންޓެއް ދޭ ރަށަކަށް ފޮނަދޫ ވާން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.