ދުނިޔެ

ޕާކިސްތާނުގެ ނަވާޒް ޝަރީފަށް 10 އަހަރުގެ ޖަލު ހުކުމެއް

Jul 7, 2018

އިސްލާމްއާބާދު (ޖުލައި 6) - ހިޔާނާތުގެ ކުށް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފު 10 އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ލިބޭ އާމްދާނީ އާއި ނުބައްދަލު އަދަދަކަށް އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި، އެތަކެއް މަސްތަކަކަށް ދިގުދެމިގެންދިޔަ ޝަރީއަތަކަށްފަހު ނަވާޒް ޝަރީފާއި ދެކޮޅަށް ހުކުމްކުރީ، ނެޝަނަލް އެކްއުންޓަބިލިޓީ ބިޔުރޯ (އެންއޭބީ) ގެ ކޯޓަކުންނެވެ.

މިހާރު ލަންޑަނުގައި ދިރިއުޅުއްވަމުން ގެންދަވާ ނަވާޒް ޝަރީފަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ. އަދި މި މައްސަލާގައި އޭނާގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅަށް ވެސް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

"އަހަރެން އެނބުރި ދާންނަން. ޖަލުގައި ހުރެގެން ވެސް އަހަރެންގެ މަސައްކަތް ކުރިއަށް ގެންދާނަން،" ސިޔާސީ ހުކުމެއް ކަމަށް ވިދާޅުވެ ނަވާޒް ޝަރީފް ވިދާޅުވިކަމަށް ބޭރު ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް، އަނބިކަނބަލުން ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާނެ ތާރީހެއް ނަވާޒް ޝަރީފް ވިދާޅެއްނުވެ އެވެ.

އޭނާގެ ވަކީލު ވަނީ އެ ހުކުމް އިސްތިއުނާފް ކުރާނެކަމަށް ވިދާޅުވެފަ އެވެ. ހަމަ ލަންޑަންގައި ދިރިއުޅުއްވާ އަންހެން ދަރިކަނބަލުން، މަރިޔަމް ނަވާޒް ޝަރީފަށް އެ ކުށުގައި ބައިވެރިވުމުގެ ތުހުމަތުގައި ހަތް އަހަރު އަދި ތަހުގީގަށް އެއްބާރު ނުދިން ކަމަށް ބުނެ އިތުރު އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މަރިޔަމްގެ ފިރިކަލުން، ސަފްދާރު އަވާން އަށް ތަހުގީގަށް އެއްބާރު ނުދިން ކަމަށް ބުނެ އެއް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.

ފްލެޓްތައް ބައްލަވައިގެން މައްސަލަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސް ތެރޭގަ އެވެ. ޕާކިސްތާނުގެ ސުޕްރީމު ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރީ ވެސް މި މައްސަލާގަ އެވެ.