ހަބަރު

އެލިއާގެ ލޭހަދިޔާ ކުރުމުގެ މެސެޖް ތަފާތު ގޮތަކަށް!

Jul 7, 2018

ރަސްރަނި ބަގީޗާ އަށް ވަދެގެން ގޮސް، ފައުންޓެއިންއާ ހަމަޔަށް ދިޔައިރު ލޮލުގައި އަޅައިގަތީ ތަފާތު މަންޒަރެކެވެ. ލޭތިއްކެއްގެ ބައްޓަމަށް ހަދާފައިވާ ފިލާކޮޅުތަކެއްގައި ވަރުގަދަ މެސެޖުތަކެއް ލިޔެ ބަހައްޓާފައި ހުއްޓެވެ. މިއީ ނިމިދިޔަ ހަފުތާގައި އެލިއާ އިންވެސްޓްމަންޓުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ހަނދާން ތަކެވެ. ލޭ ތިއްކެއް ގޮތަށް ކަފާ ހަދާފައިވާ މި ފިލާކޮޅުތަކުގައި ތަފާތު އެތައް މެސެޖުތަކެއް ލިޔެފައިވެ އެވެ.

"މި ގޮތަށް [ރަސްރަނި ބަގީޗާ] ގައި މެސެޖުތައް ބަހައްޓަން ބޭނުންވީ ގިނަ މީހުންނަށް ދައްކާލަން. ލޭ ހަދިޔާ ކުރުމާމެދު މީހުން ހޭލުންތެރިކޮށް. މިއީ ކިހާ މުހިންމު ކަމެއްކަން އަންގައި ދިނުމަށް،" އެލިއާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެހެން ކުންފުނިތަކަށް މިސާލެއްގެ ގޮތުގައި އެލިޔާ އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ހިންގާ މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް މިކަން ކުރާތާ ތިން އަހަރު ވެއްޖެ އެވެ. މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ކުރި އަށް ގެންދާ މި ހަރަކާތަށް ލިބޭ ތަރުހީބު ވެސް ދަނީ އަހަރެއް އަހަރަކަށް އިތުރުވަމުންނެވެ.

ދެ ހޮސްޕިޓަލަށް ވެސް ހަދިޔާކުރި

ލެއަކީ އަބަދުވެސް ބޭނުން ޖެހިފައިވާ އެއްޗެކެވެ. ހާއްސަކޮށް ދާއިމީކޮށް ލޭ އަޅަން ޖެހޭ ބަލިތައް ތަހަށްމަލް ކުރާ މީހުންނަށް މިކަން ވަނީ ބޮޑު ތަކުލީފަކަށެވެ. މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން އެލިޔާއިން ކުރިއަށް ގެންދިޔަ މި ކޭމްޕުގައި މި އަހަރު 187 މީހަކު ވަނީ ލޭދީފަ އެވެ. ލޭދޭން 200 އެއްހާ މީހުން ދިޔަ އެވެ. ނަމަވެސް ލޭ ދިނުމުގެ ސިއްހީ މިންގަނޑުތައް ހަމަވީ 187 މީހެއްގެ އެވެ. މިދިޔަ އަހަރު ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމުގައި 146 މީހަކު ވަނީ ލޭ ދީފަ އެވެ. އެހެންކަމުން މިއީ ވަރުގަދަ ކެމްޕޭންތަކާއެކު ކުރެވުނު ވަަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ބެލިދާނެ އެވެ.

"އެމްބީއެސްއާ އެކު ވަރަށް ބޮޑު ކެމްޕޭނެއް ހިންގިން މިކަމުގައި. ޓީވީތަކާއި ސޯޝަލް މީޑިޔާގައިވެސް. އަޅުގަނޑުމެން [އެލިއާ] ގެ މުވައްޒަފުން ވަކިވަކިންވެސް ސޯޝަލް މީޑިޔާގައި ޕްރޮމޯޓް ކުރިން. އެހެންވެކަން ނޭނގެ މިވަރުގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައީ،" އެލިއާގެ އޮފިޝަލް ވިދާޅުވި އެވެ.

މި ކޭމްޕުން ލިބުނު ލޭ ހަމައެކަނި ހަދިޔާ ކުރީ އެމްބީއެސްގެ ބްލަޑް ބޭންކްއަށް އެކަންޏެއް ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އާއި އޭޑީކޭގެ ބްލަޑް ބޭންކްތަކަށް ވެސް މިލޭ ވަނީ ހަދިޔާ ކޮށްފަ އެވެ.

އެލިޔާގެ އޮފިޝަލް ވިދާޅުވީ މި ކޭމްޕުގެ އަނެއް މަގުސަދަކީ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާ ކުރުން އާދައެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށެވެ.

"މި މަސައްކަތް ދަނީ ކާމިޔާބު ވަމުން އިރާދަކުރެއްވިއްޔާ. މިހާރު އަޅުގަނޑުމެން [އެލިއާ] ގައި އެބަތިބި ކޮންމެ ތިން މަހަކުން ބަރާވަރަށް ލޭ ހަދިޔާކުރާ ސްޓާފުލް. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ނޭޝަނަލް ބްލަޑް ސާވިސްގެ ކްލިނިކަލް ނާސް، ގުލިސްތާން އީސާ ވިދާޅުވީ ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ވެސް 30 އަކަށް މީހުން ލޭ އަޅަން އެ ސެންޓަރަށް ދާކަމަށާ އެހެންކަމުން އެލިޔާގެ މަސައްކަތަކީ ބޮޑު އެހީއަކަށްވެގެންދާ ކަމަށެވެ.

އެލިއާއިން މި ދައްކަނީ ވަރަށް ރީތި މިސާލެކެވެ. އިޖުތިމާއީ ޒިންމާ އަދާކުރުމުގެ މި ފުރިހަމަ މިސާލުތައް މިހާރު ފެންނަން އެހުރީ ރަސްރަނި ބަގީޗާއިންނެވެ. އެކަން ފެންނަނީ ވަރުގަދަ މެސެޖުތަކެއްގެ ގޮތުގަ އެވެ.