ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ބަޖެޓް ކުރުމެއް ނެތި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓުން ސަރުކާރުން ކުންފުނިތަކަށް ދީފައިވާ ކަމަށާއި ނަމަވެސް ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަ ކަމަށް އޮޑިޓާ ޖެނެރަލް އެކުލަވާލި ރިޕޯޓެއްގައި ބުނެފި އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ އާއި އެ ކުންފުނިތަކުގެ ޕާފޯމެންސާ ގުޅޭ ގޮތުން، މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ، ރިޕޯޓްގައި ބުނެފައި ވަނީ ދައުލަތް ހިއްސާވާ ވިޔަފާރި ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދިނުމަށް ބަޖެޓްކޮށްފައިވާ ފައިސާއަށް ވުރެ އިތުރަށް 1.5 ބިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ދޫކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ، ކުންފުނިތަކުގެ ކެޕިޓަލް ހަރަދުތަކަށް ނޫން ކަމަށާއި ރިކަރަންޓް ނޫނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ކަމަށް އޮޑިޓާ ޖެނެރަލް އެކުލަވާލި ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ހުރި ހިސާބުތަކަށް ބަލާއިރު، އޮޑިޓް ކުރުމަށް ސާމްޕަލް ނެގި 12 ކުންފުނީގެ ތެރެއިން ބަޖެޓްގެ ބޭރުން އެންމެ ގިނައިން ފައިސާ ދީފައިވަނީ ފެނަކައަށެވެ. އެ ކުންފުންޏަށް ބަޖެޓްގެ ބޭރުން، 353.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި އެމްޓީސީސީއަށް 169 މިލިއަން ރުފިޔާ ދޫކުރިއިރު އެޗްޑީސީއަށް ވަނީ 126.9 މިލިއަން ރުފިޔާ ބަޖެޓްގެ ބޭރުން ދޫކޮށްފަ އެވެ. މީގެ އިތުރުން އާސަންދައަށް 83.8 މިލިއަން ރުފިޔާ ބަޖެޓްގެ ބޭރުން ދޫކުރިއިރު، މިހާރު އުވާލަން ނިންމާފައިވާ އެމްއާރުޑީސީއަށް 89.8 މިލިއަން ރުފިޔާ ވަނީ ބަޖެޓްގެ ބޭރުން ދޫކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވީ، މި ފައިސާ ހަރަދު ކުރެވިފައި ވަނީ ކުންފުނިތަކަށް އެންމެ ފައިދާ ހުރި ގޮތުގައިކަން ބެލޭނެ އެއްވެސް ގޮތެއް ނެތް ކަމަަށާއި ގިނަ ކުންފުނިތަކުން މި ފައިސާ ހަރަދުކޮށްފައި ވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
(ސަރުކާރުން) ކުންފުނީގައި އިންވެސްޓްކުރާ ފައިސާ ބޭނުން ކުރަނީ އެކަށީގެންވާ ގޮތެއްގައެއް ނޫނެވެ. އަދި ކުންފުނިތައް ހިނގަމުން ދަނީ، އަމިއްލަ ހައިސިއްޔަތުން ހިންގުމުގެ ބަދަލުގައި، ދައުލަތުން ބަޖެޓް ލިބިގެން ހިންގާ އިދާރާއެއް ފަދައިން އެވެ.އޮޑިޓާ ޖެނެރަލްގެ ރިޕޯޓް
"ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި ރިކަރަންޓް ހަރަދުތައް ކުރުމަށް ރައުސްމާލުގެ ގޮތުގައި ބައެއް ކުންފުނިތަކަށް ލިބިފައިވާ ފައިސާ ބޭނުންކޮށްފައިވެ އެވެ. އެހެންކަމުން، ރައުސްމާލުގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ ކުންފުނީގައި އިންވެސްޓްކުރާ ފައިސާ ބޭނުން ކުރަނީ އެކަށީގެންވާ ގޮތެއްގައެއް ނޫނެވެ. އަދި ކުންފުނި ހިނގަމުން ދަނީ، އަމިއްލަ ހައިސިއްޔަތުން ހިންގުމުގެ ބަދަލުގައި، ދައުލަތުން ބަޖެޓް ލިބިގެން ހިންގާ އިދާރާއެއް ފަދައިން އެވެ. އޮޑިޓް ސާމްޕަލްގެ ގޮތުގައި ނެގި 35 ކުންފުނީގެ ތެރެއިން 22 ކުންފުންޏެއްގެ ރައުސްމާލުގެ ގޮތުގައި ދީފައިވާ ފައިސާއިން ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ، ރައުސްމާލުގެ ބޭނުން ހިފަން އެންމެ އެކަށީފެންވާ ގޮތުގައެއް ނޫނެވެ،" ރިޕޯޓްގައިވެ އެވެ.
މީގެ އިތުރަށް އޮޑިޓްގައި ފާހަގަކުރި އަނެއް މައްސަލައަކީ ހެލްތް ކޯޕަރޭޝަނުން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައުލަތުގެ ބަޖެޓުން ދީފައި ވުމެވެ. އެގޮތުން، ހެލްތް ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ދައްކަން ޖެހިފައި ހުރި ފައިސާ ދެއްކުމަށް 248 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ހާއްސަ ބަޖެޓުން އެކި ފަރާތްތަކަށް ދޫކުރި ކަމަށް އޮޑިޓްގައިވެ އެވެ. އޮޑިޓްގައި ބުނަނީ ސަރުކާރު ކުންފުނިތައް ވިޔަސް، އެ ކުންފުނިތަކުގެ ދަރަންޏާ މެދު ޒިންމާ ނަގަން ޖެހުމަކީ ބަޖެޓަށް ބުރަ ބޮޑުވެ ދައުލަތުގެ ދަރަނި ބޮޑުވެގެން ދާނެ ކަމެއް ކަމަށެވެ.
ސަރުކާރުގެ ރައުސްމާލު ހުއްދަ ނުކުރާ މިންވަރަށް ވެސް ކުންފުނިތަކަށް ފައިސާ ދޫކޮށްފައިވާ މައްސަލަތައް ވެސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން އޮޑިޓް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ 34 ކުންފުނީގެ ތެރެއިން 29 ޕަސެންޓް ކުންފުންޏަށް ރައުސްމާލު ދޫކޮށްފައި ވަނީ އެ ކުންފުނީގެ އަސާސީ ގަވާއިދުގައި ބުނާ އަދަދަށް ވުރެ އިތުރަށް ކަމަށް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުގައި، ހުއްދަ ކުރެވިފައިވާ ރައުސްމާލުގެ އިތުރަށް، އެމްޓީސީސީއަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އާސަންދައަށް 115.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި އެމްއާރުޑީސީއަށް 11.4 މިލިއަން ރުފިޔާ ހުއްދަ ކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ވަނީ ދޫކޮށްފައި ކަމަށް ރިޕޯޓްގައިވެ އެވެ.
"ހުއްދަ ކޮށްފައިވާ އަދި ދޫކޮށްފައިވާ ރައުސްމާލަށް ވުރެ އިތުރަށް ފައިސާ ދައްކާފައިވުމުން، ގާނޫނީ ލިއެކިޔުންތަކުން ވަކި އަދަދެއް ކަނޑައެޅުމުގެ މުރާދު ހާލިސް ނުވާކަމާއި މި ލިޔެކިޔުންތަކުގެ މަގުސަދު ހާސިލް ނުވާކަން ފާހަގަ ކުރެވެ އެވެ. އަދި މިހެން މިކަން ވުމަކީ ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވުމާއި އިސްރާފަށް މަގުފަހިވެގެންދާނެ ކަމެކެވެ،" ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިކަމުގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެވެ. އެގޮތުން އެ ބޯޑުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްވަމުން ދިޔަ ނަމަވެސް އެކަމަށް އަޅާލާފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުންފުނިތަކުގެ ޕާފޯމަންސް ބެލުމަށް ބެންޗްމާކެއް ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ބަޖެޓުން ދޫކުރާ ފައިސާ ކުންފުނިތަކުން ހޭދަކުރާ ގޮތް ވެސް ދެނެގަނެފައި ނުވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އޮޑިޓްގައިވާ ގޮތުގައި،
އޮޑިޓް ސާމްޕަލަށް ނެގި ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ، ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ނެތެވެ. އަދި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް 900 ދުވަސް ނަގާފައި ވުމާއި މި އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވެފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި ކުންފުނިތަކުން އެކި ފަރާތްތަކަށް ދައްކަން ހުންނަ ފައިސާ ދެއްކުމަށް 100 ދުވަސް ނަގާފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން ރައުސްމާލުގެ ނިސްބަތުން ކުންފުނިތަކުގެ ދަރަނި ވަނީ ދުވަހެއް ދުވަހަކަށް އިތުރުވެފަ އެވެ.
މީގެ އިތުރަށް ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އެގޮތުން އޮޑިޓް ސާމްޕަލަށް ނެގި 36 ބޯޑް މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ތައުލީމީ ސެޓްފިކެޓް ވެސް ނުހޯދައި އަދި 28 މެންބަރެއްގެ ކުށުގެ ރެކޯޑްތައް ވެސް ސާފުނުކޮށް ކުންފުނިތަކުގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
ދެން ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ، ކުންފުނިތަކުން ޑިވިޑެންޑް ސަރުކާރަށް ދައްކަމުން ނުދިޔުމާއި ޑިވިޑެންޑް ނުދައްކާ ހާލަތުގައި ވެސް އެ ފައިސާ ކުންފުނީގައި އިންވެސްޓް ކުރާނެ ގޮތެއް ބަޔާންކޮށްދީފައި ނުވުމެވެ. އޭގެ ސަބަބުން ސަރުކާރަށް ލިބެން ޖެހޭ އާމްދަނީ ދުވަހެއް ދުވަހަކަށް މަދުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ސަރުކާރުގެ ކުންފުނިތައް އުވާލުމުގައި ގާނޫނުގައި ބުނެފައިވާ އުސޫލުތަކަށް އަމަލު ނުކުރާ ކަމަށާއި ކުންފުނިތައް އުފެއްދުމުގައި ވެސް ހަރުދަނާ އުސޫލުތަކެއް ނެތް ކަން ވަނީ ފާހަގަކޮށްފަ އެވެ. އެކަމުގެ ސަަބަބުން ސަރުކާރުގެ އެއް ކުންފުނި އަނެއް ކުންފުނީގެ މެންޑޭޓް ފުށުއަރައި ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް ކުންފުނިތަކުގެ މެންޑޭޓްގައި އެ ކުންފުންޏެއް އުފެއްދި މަގުސަދާ ހިލާފުކަންކަން ހިމަނާފައިވާ ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން، އެމްޓީސީ އުފެއްދީ ދަތުރުފަތުރާއި ބަނދަރު ހަދަން ނަމަވެސް، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި އަދި އާންމު ވިޔަފާރިތައް ކުރުމުގެ ހުއްދަ ކުންފުންޏަށް ދީފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ރިޕޯޓްގައިވާ ގޮތުން، ހައްޖު ކޯޕަރޭޝަން އުފައްދާފައި ވަނީ ހައްޖާއި އުމުރާގެ ހިދުމަތް ދޭން ނަމަވެސް އެ ކުންފުނީގެ މެންޑޭޓްގެ ތެރެއަށް ރިއަލް އެސްޓޭޓް ވިޔަފާރި އާއި ޓްރެވަލް އެޖެންސީ ހިންގުން އިސްލާމިކް ޓްއަރިޒަމް އަދި އިސްލާމް ދީން ހުއްދަ ކުރާ އެހެން ވިޔަފާރިތައް ކުރުން ހިމަނާފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
"އެއް މެންޑޭޓެއްގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ހެދުމަކީ ބައެއް ކުންފުނިތައް މިހާރު ހިނގަމުންދާ ގޮތަށް ބަލާ ނަމަ، ސަރުކާރުގެ ބަޖެޓަށް ބާރު ބޮޑުވެގެންދާނެ ކަމެކެވެ،" ރިޕޯޓްގައިވެ އެވެ.