ހަބަރު

އިދިކޮޅު ލީޑަރުން އެއްބަސްވާ ރަނިންމޭޓަކު މިއަދު ކަނޑައަޅަނީ

އިދިކޮޅު ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަންނަވާ ރަނިންމޭޓެއް އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރެން އެއްބަސްވެއްޖެ އެވެ. މިގޮތަށް އެއްބަސްވެފައިވަނީ ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގެ ބައްދަލުވުމެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ގިނަ ބޭފުޅުންތަކެއް ރަނިންމޭޓް ކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވިކަން ވަނީ އެނގިފަ އެވެ. ނަމަވެސް އެ ހުރިހާ ބޭފުޅުން ވެސް ވަނީ ލީޑަރުން އެއްބަސްވާ ރަނިންމޭޓަކު ނެރުމަށް އެއްބަސްވެފަ ކަމަށްވެ އެވެ. އޭގެ ތެރޭގައި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ އާއި މަޖިލިސް މެންބަރު ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރޭ ޖުމްހޫރީ ޕާޓީން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

އެހެން ނަމަވެސް މިއަދު ޅ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އުނިމަ ގްރޭންޑްގައި އިދިކޮޅުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަނީ މިއަދުގެ ވަގުތެއްގައި ރަނިންމޭޓަކާ ގުޅޭ ގޮތުން ލީޑަރުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވީ އެކަމަށްޓަކައި ކޯލިޝަންގެ އިސްވެރިން މިއަދު ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ރަނިންމޭޓަކު ފައިނަލްވާނެ ކަމަށެވެ.

އިތުބާރު ހުރި ގޮތަކުން އެނގިފައިވާ ގޮތުގައި އިދިކޮޅު ޕާޓީތަކުން ރަނިންމޭޓެއްގެ ގޮތުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ނެރުމަށް ވަނީ އެއްބަސްވެފަ އެވެ. މިއަދުގެ ބައްދަލުވުމުގައި އަލީ ހުސެއިންގެ ނަން ފައިނަލް ކުރާނެ އެވެ.

މިއަދު ލީޑަރުން ރަނިންމޭޓަކު ކަނޑައެޅި ނަމަވެސް އެކަން އިއުލާން ކުރަން ރަސްމީކޮށް އިއުލާން ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ސޯޝަލް މީޑިއާގައި އަލީ ހުސެއިންނަށް ދަނީ މަރުހަބާ ވެސް ކިޔަމުންނެވެ. ބައެއް އިސް ބޭފުޅުން ވެސް ވަނީ އަލީ ހުސެއިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިބޫއާއެކު އިންތިހާބުގައި ވާދަ ކުރައްވަން އެންމެ ރަނގަޅު ބޭފުޅަކީ އަލީ ހުސެއިން ކަމަށް ވިދާޅުވަމުންނެވެ.