ހަބަރު

ޝަހީމްގެ ނަމާއެކު އިލްމުވެރިންގެ ތަފާތު ޝުއޫރުތަކެއް!

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރުމާއެކު ބައެއް ދީނީ އިލްމުވެރިންގެ ތަފާތު ޝުއޫރުތަކެއް ފާޅު ކުރަން ފަށައިފި އެވެ.

އަދާލަތު ޕާޓީގެ މެންބަރެއް ގޮތުގައި ކުރިން ހުންނެވި ޝަހީމް ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަދަން ނިންމާފައި ވަނީ ރޭ ޕީޕީއެމް އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ. އެ ނިންމުން އިއުލާން ކުރުމާއެކު ބައެއް ދީނީ އިލްމުވެރިން ޝަހީމްއަށް މަރުހަބާ ކިޔަމުން އަންނަ އިރު އަނެއްބައި މީހުން އަންނަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަނީ އަނިޔާވެރިވާ މީހުންގެ ފަރާތަށް ނުދިޔުމަށް ބުނާ ތަފާތު ހަދީސްތައް ޓްވީޓު ކުރައްވައިފަ އެވެ. އަދި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރަނިން މޭޓު ލައްވާ ރަށްރަށަށް ދަތުރު ކުރެއްވުމަށް ފަހު އިންތިހާބު ކާމިޔާބުވުމުން އެއްލާލި މަންޒަރުތައް ފެނިފައިވާ ކަމަށާއި އެކަންކަމުން އިބުރަތް ހާސިލު ކުރަން ޖެހޭ ކަމަށެވެ.

އިޔާޒްގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ޝޭހް އިލްޔާސް ހުސެއިން ނުސީދާ ގޮތަކަށް ޝަހީމްއަށް އަމާޒު ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިންނާއި ދީން ދެކެ ލޯބި ކުރާ މީހުން އަބަދުވެސް ޒާތީ މަންފަޔަށް ވުރެ ބޮޑަށް ދީނާ ހިލާފަށް ކުރެވޭ ކަންކަމާއި އަނިޔާވެރިކަމާއި ނާއިންސާފާއި ހިޔާނާތާއި ކޮރޮޕްޝަނާއި ފަސާދައާ ދެކޮޅުވެރިވާނެ ކަމަށެވެ.

އިޔާޒް އާއި އިލްޔާސްގެ ފާޑު ކިޔުން ޝަހީމްއަށް އަމާޒުވި ނަމަވެސް ދީނީ އިލްމުވެރިން ކަމަށްވާ، ސަލަފް ޖަމްއިއްޔާއަށް ނިސްބަތްވާ އަލީ ޒާހިރު އާއި ޝޭހް އަހުމަދު ސަމީރު ވަނީ ޝަހީމްއަށް މަރުހަބާ ދަންނަވާ ތާއީދު ކުރައްވައިފަ އެވެ. އަލީ ޒާހިރު ވިދާޅުވީ ޝަހީމްއަކީ ނައިބު ރައީސް ކަމަށް އެންމެ ގާބިލު ބޭފުޅާ ކަމަށެވެ. އަދި ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރަނިން މޭޓެއްގެ ގޮތުގައި ޝަހީމްގެ ނަންފުޅު ހުށަހެޅުވުމުން އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށާއި ދީނާއި ވަތަނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތެއް ކަމުގައި ދެކިވަޑައިގެން ކުރިޔަށް ދިޔުމަށް ލަފާދެއްވި ކަމަށެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ވެވަޑައިގަތުމާއެކު ޕީޕީއެމް އިން ބުނީ ގިނަ އަދަދަކަށް ދީނީ އިލްމުވެރިންގެ ތާއީދު ރައީސް ޔާމީންއަށް ލިބިގެންދާނެ ކަމަށާއި އެގޮތުން މަޝްހޫރު ދީނީ އިލްމެވުރިންތަކެއް ވެސް ރައީސް ޔާމީން އެންޑޯޒް ކުރައްވާނެ
ކަމަށެވެ.