ދުނިޔެ

ތުރުކީގައި 18،500 އަށް ވުރެ ގިނަ ދައުލަތުގެ މުވައްޒަފުން ވަކިކޮށްފި

Jul 8, 2018

އަންކާރާ (ޖުލައި 8) - ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުންހުރި ކަމަށް ބުނެ، 18،500 އަށް ވުރެ ގިނަ ދައުލަތުގެ މުވައްޒަފުން ތުރުކީ ސަރުކާރުން މިއަދު ވަކިކޮށްފި އެވެ.

ތުރުކީގެ ރަސްމީ ގެޒެޓުގައި އާންމުކޮށްފައިވާ ގަރާރެއް ގައިވާ ގޮތުން، ދައުލަތުގެ އެކި މުއައްސަސާތަކުން ޖުމްލަ 18،632 މުވައްޒަފުން ވަނީ ވަކިކުރެވިފަ އެވެ. މިގޮތުން، 8،998 ފުލުހުންނާއި 3،077 ސިފައިން ހިމެނެ އެވެ. މީގެ ތެރޭގައި ވައިގެ ސިފައިންގެ 1،949 މީހުންނާއި ކަނޑުގެ ސިފައިންގެ 1،126 މީހުން ހިމެނެ އެވެ. އަދި 1،052 ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ތިން ނޫހާއި، އެއް ޓީވީ ސްޓޭޝަނާއި 12 އެސޯސިއޭޝަނެއް ވަނީ ބަންދުކުރެވިފަ އެވެ.

އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިއަދުގެ ގަރާރަކީ އެންމެ ފަހުގެ ގަރާރުކަމުގައި ވެދާނެ ކަމަށާއި، 2016 އިން ފެށިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލާތު، މާދަމާ އުވާލުމުގެ އިޝާރާތެއް ލިބިފައިވާކަމަށެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާއި ދެކޮޅަށް ކުރި ބަޣާވާތެއް ނާކާމިޔާބު ކޮށްލުމަށްފަހު، އެއް ލައްކަ އަށް ވުރެ ގިނަ ސިފައިންނާއި ސަރުކާރު މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި އެ ބަޣާވާތާއި ގުޅިގެން 50،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ދައުވާކޮށް ހައްޔަރުކުރެވިފަ އެވެ.

ބާރުތައް އިތުރުކޮށް، އުރުދުޣާން ވަނީ 2019 ވަނަ އަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިހާބު މިދިޔަ މަހަށް އަވަސްކޮށް، ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.