ހަބަރު

ރައީސް ޔާމީނާއި ޝަހީމްއަށް 10 އިލްމުވެރިޔަކު ތާއީދުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމާ ގުޅިގެން ދީނީ އިލްމުވެރިންތަކެއް އެ ނިންމުމަށް ތާއީދު ކުރައްވާ އެކަން ހާމަކޮށްފި އެވެ.

ސުވާލު ކުރަން ފުރުސަތު ނުދޭ ގޮތަށް އިލްމުވެރިންގެ ފަރާތުން ސްޓޭޓްމަންޓެއް ނެރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 10 އިލްމުވެރިޔަކު ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ބައެއް އިލްމުވެރިންނަކީ މިހާރު ވެސް ސަރުކާރުގެ އެކި މަގާމްތައް އަދާ ކުރައްވާ ބޭފުޅުންނެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އައްސަދުﷲ ޝާފީ އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް އައްޔަން ކުރުމާ ގުޅިގެން ރާއްޖޭގެ ގިނަ ފުންނާބު އުސް އިލްމުވެރިންތަކެއް އެކަމަށް ތާއީދު ކުރައްވާ ކަމަށާއި އެމަނިކުފާނާއެކު ވީހާވެސް ގިނަ ރައްޔިތުން ވަޑައިގަތުމަށް އެދޭ ކަމަށް ޝާފީ ވިދާޅުވި އެވެ.

އޭގެ އިތުރުން ޝޭހް މުހައްމަދު ދީދީ ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ވެވަޑައިގަތުމަކީ މުސްތަގުބަލުގައި ރާއްޖޭގެ ވަހުދަތާއި އިސްލާމީ ސަގާފަތު ކުރިއެރުވުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އެހެންކަމުން ހުރިހާ ބޭފުޅުން ވެސް ރައީސް ޔާމީން އިންތިހާބު ކުރުމަށް މަސައްކަތްކޮށްދެއްވަން އެދޭ ކަމަށް ދީދީ ވިދާޅުވި އެވެ.

"އިލްމުވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޒިންމާ އަދާ ކުރުމަށް އަޅުގަނޑުމެން ތައްޔާރަށް މިތިބީ، އެގޮތުން އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު ރައީސް ޔާމީންއަށާއި އެމަނިކުފާނުގެ ރަނިން މޭޓަށް އޮތްކަން ހާމަކުރަން،" ދީދީ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ އިލްމުވެރިންގެ ހައިސިއްޔަތުން ބަލާނީ އިސްލާމް ދީނާއި ގައުމުގެ ވަތަނުގެ މަސްލަހަތަށް ކަމަށާއި ފަރުދީ ގޮތުން ހުރި ކުދި މައްސަލަތަކަށް ވުރެ މުޅި ގައުމުގެ މަސްލަހަތު މުހިންމުވާ ކަމަށެވެ. އެގޮތުން ވިސްނި ވިސްނުމަށް ފަހުގައި ޝަހީމް ތާއީދު ކުރައްވާ ފަޅިއަކަށް ތާއީދު ކުރައްވަން ހުރިހާ އިލްމުވެރިން ނިންމެވި ކަމަށާޢި ޝަހީމް ހިޔާލު ކުރައްވާނީ ދީނަށް އެންމެ ރަނގަޅު ގޮތްކަން
ގަބޫލު ކުރެވޭ ކަމަށް ގުބާދު ވިދާޅުވި އެވެ.

"ގައުމެއް އިސްލާަހު ވާނީ ގައުމެއްގައި ތިއްބަވާ އިލްމުވެރިންނާއި އަމުރުވެރިން އެއްބައިވެގެން އުޅެގެން، އަމުރުވެރިން އެއް މަގުން ދާއިރު އިލްމުވެރިން އެހެން މަގަކުން ދާނަމަ އެ ގައުމެއް އިސްލާހުގެ މަގުން ދާކަށް ފަސޭހައެއް ނުވާނެ، އެހެންވެ އެންމެހާ އިލްމުވެރިން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ދީނީ ނައު އަމާން ބަނދަރަކަށް ވާސިލުވުމަށް އެންމެ ރަނގަޅު ޕެއާއަކީ ޕީޕީއެމްގެ ކެންޑިޑޭޓާއި ޝޭހް ޝަހީމްގެ ޕެއާ،" ގުބާދު ވިދާޅުވި އެވެ.

ޝޭހް ގުބާދު އާއި ދީދީ އަދި ޝާފީގެ އިތުރުން އިސްލާމީ މަރުކާޒުގެ އިމާމް ޝޭހް މުހަައްމަދު ލަތީފް އާއި ހައިޝަމް މުހައްމަދު ފުޅު ވެސް ޝަހީމްއަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވި އެވެ.