ހަބަރު

ފިނޭންސް މިނިސްޓްރީގެ ތާރީހާގުޅޭ ފޮތެއް ނެރެފި

Jul 8, 2018
2

ފިނޭންސް މިނިސްޓްރީގެ ތާރީހާއި އެވުޒާރާ ހިންގެވި ބޭފުޅުންގެ ތާރީހު އެކުލެވޭ "ބޮޑު ބަނޑޭރީން" ފޮތް މިއަދު ނެރެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޓްރޭނިންރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެ މިނިސްޓްރީގެ އެންމެ ފުރަތަމަ ޕާމަނަންޓް ސެކްރެޓަރީ އިސްމާއީލް ޝަފީގެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މި ފޮތުގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ ތާރީހާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި ހާއްސަކޮށް މިނިސްޓްރީ ހިންގެވި ބޭފުޅުންނާއި އެބޭފުޅުން ކުރެއްވެވި އަގުހުރި މަސައްކަތްޕުޅުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި މިއަދަކީ މިފަދަ ފޮތެއް ނެރުމަށް މުނާސަބަތު ދުވަސް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިފަދަ ފޮތެއް އެކުލަވައިލުމުގެ މައިގަނޑު މަގުސަދަކީ ގައުމުގެ މާލީ ވުޒާރާ ހިންގެވުމުގެ މުހިންމު މަސްއޫލިއްޔަތެއް އަދާކުރެއްވި ބޭފުޅުން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުންކަމަށާއި އަންނަނިވި ޖީލް ތަކަށްޓަކައި އެބޭބޭފުޅުންގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށެވެ. އަދި ވިދާޅުވީ، މި މަސައްކަތަކީ ގައުމުގެ ތާރީހާއި ފިނޭންސް މިނިސްޓްރީގެ ތާރީހަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

ބޮޑު ބަނޑޭރީން ފޮތަކީ ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރައްވަމުން ގެންދަވާ، ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ ފޮތެކެވެ. އެބޭފުޅާއަކީ މި ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމާއި ތާރީހަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން ހަސަން ތާޖުދީންގެ ލަގަބް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.