ހަބަރު

ބަޖެޓްގައި ނެތް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްއާރްޑީސީއަށް

Jul 10, 2018
1

އުވާލަން ނިންމާފައިވާ، އެމްއާރުޑީސީއަށް ދައުލަތުގެ ބަޖެޓްގައި ނުހިމަނާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އުސޫލުތަކާ ހިލާފަށް ދޫކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ކުރާ ހަރަދާއި ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލައްވާ، މިދިޔަ މަހުގެ 28 ވަނަ ދުވަހު އާންމު ކުރެއްވި އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދިނުމަށް ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ތެރެއިން އެމްއާރުޑީސީއަށް ދޭން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް، އެމްއާރުޑީސީއަށް ދީފައި ވަނީ 89.9 މިލިއަން ރުފިޔާ އެވެ.

އެމްއާރުޑީސީއަށް ދިން ފައިސާ

  • 2013 - 21.8 މިލިއަން ރުފިޔާ
  • 2014 - 19.1 މިލިއަން ރުފިޔާ
  • 2015 - 2.2 މިލިއަން ރުފިޔާ
  • 2016 - 46.7 މިލިއަން ރުފިޔާ

މީގެ އިތުރަށް އެ ކުންފުނީގެ އަސާސީ ގަވާއިދުގައިވާ ބުނެފައިވާ ރައުސްމާލަށް ވުރެ އިތުރަށް 11.4 މިލިއަން ރުފިޔާ އެމްއާރުޑީސީއަށް ބަޖެޓުން ދޫކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އެހެން ކަމުން ބަޖެޓްގައި ނެތި އެމްއާރުޑީސީއަށް ސަރުކާރުން ދޫކުރި ފައިސާގެ އަދަދު 101.2 މިލިއަން ރުފިޔާއަށް އަރަ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ، ބަޖެޓް ކުރުމެއް ނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދޫކުރުމަކީ ބަޖެޓް އެކުލަވާލުމުގެ މަގުސަދު ގެއްލޭ ކަމެއް ކަމަށާއި އަދި އެއީ މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ. އަދި މިގޮތަށް ދޫކުރެވޭ ފައިސާ މުޅިން ހެން ބޭނުންކޮށްފައި ވަނީ ކުންފުނީގެ ރިކަރަންޓް ހަރަދުތައް ފުއްދަން ކަމަށާއި އެކަމަކު ކެޕިޓަލް ހަރަދަށް ދޫކުރާ ފައިސާ އެގޮތަށް ބޭނުން ކުރުމަކީ އެ ފައިސާ ދޫކުރުމުގެ މަގުސަދާ ވެސް ހިލާފު ކަމެކެވެ. އަދި އެ ފައިސާ ދޫކޮށްގެން ފައިދާއެއް ނުލިވޭ ކަމަށް ވެސް އޮޑިޓްގައިވެ އެވެ.

"މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އިތުރަށް ބުރަ ބޮޑުވެ ދަރަނި ބޮޑުވެގެން ދެއެވެ،" ރިޕޯޓްގައިވެ އެވެ.

މީގެ ކުރިން އޮގަސްޓް، 2016 ގެ ތެރޭގައި ވެސް އެ ކުންފުންޏާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓެއްގައި ވެސް ބުނެފައި ވަނީ، 2013 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ 34 ޕަސެންޓް، 2014 ވަނަ އަހަރު 41 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ މެންޑޭޓްގައި ނުހިމެނޭ ކަންކަން ކަމަށްވާ، ބައެއް ރަށްރަށުގެ ފުޓްސަލް ދަނޑުތައް ހެދުމާއި ކުނި ނައްތާލުމުގެ މަސައްކަތާއި ވެލި ނަގައިގެން ވިއްކުމުގެ މަސައްކަތްކުރަމުން ގޮސްފައިވާކަން އެ ރިޕޯޓްގައި އޭރު ފާހަގަ ކުރި އެވެ. އަދި އެ ކުންފުންޏަށް ލިބެން ޖެހޭ، 17.8 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް ފަށާ އެތަނަށް ގަނެފައިވާ މެޝިނަރީ އަދި މުވައްޒަފުން އަދި އެ ކުންފުނިން ހިންގި މަސައްކަތްތައް ކުރިއަށް ގެންދިޔުމުން މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ބަޕްލިކް ވޯކްސް ސެކްޝަނަށް ބަދަލުކޮށްފަ އެވެ. ސަރުކާރުން އެމްއާރުޑީސީ އުވާލަން ނިންމީ، އެ ކުންފުންޏަށް އަހަރުން އަހަރަށް ގެއްލުން ވަމުން އައިސް އިތުރަށް ބަޖެޓުން ހޭދަކޮށްގެން ކުންފުނި ގެއްލުމުގައި ހިންގެން ނެތިގެން ކަމަށް ވަނީ އެނގިފަ އެވެ.

އެމްއާރުޑީސީ އުވާލަން ނިންމި އިރު އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފަޅާއަރައިފަ އެވެ. އެގޮތުން، އެ ކުންފުންޏަށް ބޭނުންވާ ސިމެންތި ގަތުމަށް އަމިއްލަ ކުންފުންޏަކަށް އެޑްވާންސަށް 10 މިލިއަން ރުފިޔާ ދިން ނަމަވެސް އެ ސިމެންތި ނުލިބި އަދި ލާރިވެސް އަނބުރާ ނުލިބުނު މައްސަލައެއް ފެންމަތިވި އެވެ. އަދި އެ ކުންފުންޏަށް ގިނަ އަދަދެއްގެ ވެހިކަލް ގަންނަން 123 މިލިއަން ރުފިޔާއަށް ބޭރު ކުންފުންޏަކާ ހަވާލުކުރި މަޝްރޫއުއާ ގުޅޭ ގޮތުން ވެސް ވަނީ ތުހުމަތުތައް ކުރެވިފަ އެވެ.