ހަބަރު

އަމީންއާންމުގެ މަގާމަށް ނިއުޝާ، ވޯޓަށް އެހުން މެންދުރުފަހު

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ އަމީންއާންމުގެ މަގާމަށް ކުރިމަތިލާފައިވާ ފާތިމަތު ނިއުޝާ އެ މަގާމަށް އައްޔަން ކުރުމަށް ވޯޓަށް އެހުން މިއަދު މެންދުރުފަހު 1:30 ގައި އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ވިދާޅުވެއްޖެ އެވެ

ނިއުޝާ އަކީ މިހާރު މަޖިލީހުގެ އަމީންއާންމުގެ ނައިބްގެ މަގާމް ފުރުއްވަމުންގެންދަވާ ފަރާތެވެ.އެމަގާމަށް ހަމައެކަނި ކުރިމަތިލައްވާފައިވަނީވެސް ނިއުޝާ އެވެ. އެމަގާމަށް ކުރިމަތި ލުމަށް ހުޅުވާލި މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

އަމީންއާންމަކު ހޯދަން މަޖިލީހުން އިއުލާން ކުރީ، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން މަޖިލީހުގެ އަމީންއާންމުގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު މުހައްމަދު އެ މަހު ހަތަރު ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އޭގެ ފަހުން އެ މަގާމް އަދާ ކުރަމުން އައީ ނިއުޝާ އެވެ.

މިއަދުގެ ޖަލްސާގައި މަސީހު ވިދާޅުވީ، އަމީންއާންމުގެ މަގާމަށް ކުރިމަތި ލައްވާފައިވާ ލިއުޝާއާ އިންޓަވިއު ކުރުމަށް ކޮމިޓީގެ ބޭފުޅުންގެ އެހީހޯދާފައިވާ ކަމަށާއި އެބޭފުޅުން އިންޓަވިއު ކުރުމަށްފަހު ވަނީ ލިއުޝާއަކީ އެމަގާމަށް ޝަރުތު ފުރިހަމަވާ ގާބިލް ފަރާތެއް ކަމަށް ވިދާޅުވެފަވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ހުށަހަޅާފައިވާ ނަން ފުޅަށް އިތުރު ބަހުސަކާނުލައި ވޯޓަށް އެހުން އޮންނާނެ ކަމަށާއި ވޯޓަށް އެހުން އޮންނާނީ މިއަދު މެންދުރުފަހު ކަމަށް މަސީހު ވިދާޅުވި އެވެ.

ނިއުޝާއަކީ 2012 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އަމީން އާންމު ކަމުގެ ނައިބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެވެ. އޭނާ ވަނީ މަޖިލީހުގެ ލީގަލް ކައުންސިލްގެ މަގާމު ހަތަރު އަހަރު ދުވަސް ވަންދެންވެސް އަދާކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ އަޑުއެހުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން އިސްލާހު ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު އަޒުހާން ފަހުމީ އެވެ.

ފަހުމީ ވިދާޅުވީ، މި ބިލް ސަރުކާރުން ހުށަހެޅުމުގެ މަގުސަދަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރުމާއެކު އެކަންކަން އިސްލާހު ކުރުމަށް ކަމަށެވެ. އެގޮތުން މި ބިލަށް 34 އިސްލާހެއް ހުށަހެޅިފައިވާއިރު، ކަރެކްޝަންސްގެ ނަން މޯލްޑިވްސް ޕްރިޒަންގެ ނަމަށް ބަދަލު ކުރުން ހިމެނެ އެވެ.

މި ބިލަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުން އެއްވެސް ފަރާތަކުން ފުރުސަތަކަށް އެދިފައިނުވުމުން މަޖިލީހުގެ ރައީސް ވަނީ ބަހުސް މަރުހަލާ ނިންމާލާފަ އެވެ. އަދި މި ބިލަށްވެސް ވޯޓަށް އެހުން 1:30ގައި އޮންނާނެ އެވެ.