ވިޔަފާރި

މި އަހަރުގެ ތިން މަހު ގަނެ ވިއްކުމުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް

Jul 10, 2018

މި އަހަރުގެ ނިމިދިޔަ ތިން މަހު (ކުއާޓަރު) ގައި ރާއްޖޭގައި މުދާ ވިކުނު އަދަދު 56 ޕަސެންޓް އިތުރުވު، ގަނެ ވިއްކުމުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ސާވޭގައި ބުނެފި އެވެ.

އެމްއެމްއޭ އިން މި އަހަރުގެ އެޕްރީލް މަހުގެ 4 އިން 28 އަށް މި ސާވޭ ކުރުމުގައި މައުލޫމާތު ނަގާފައިވަނީ 170 ފަރާތަކުންނެވެ. މި ސާވޭގައި ޓޫރިޒަމް ސިނާއަތާއި އިމާރާތްކުރުމުގެ ދާއިރާ އަދި ހޯލްސޭލް އަދި ރީޓޭލްކޮށް މުދާ ވިއްކާ ފަރާތްތަކުން ސާވޭގައި ބައިވެރިވެފައިވެ އެވެ.

ކޮންމެ ކްއާޓަރަކު މަރުކަޒީ ބޭންކުން ކުރާ މި ސާވޭގައި ބައިވެރިވި ގަނޑުކޮށް އަދި ވަކިވަކިން މުދާ ވިއްކާ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި މުދާ ސަޕްލައި ކުރާ ފަރާތްތަކަށް ލިބުނު އޯޑަރު ވަނީ 62 ޕަސެންޓް އިތުރުވެގެން ގޮސްފަ އެވެ.

މިދިޔަ ކްއާޓަރުގެ ތެރޭގައި ރޯދަ މަސް ވެސް ހިމެނޭއިރު، ސާވޭގައި ބައިވެރިވި 61 ޕަސެންޓް ވިޔަފާރިން ބުނެފައިވަނީ މުދަލުގެ އަގަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

އެމްއެމްއޭގެ ސާވޭގައިވާ ގޮތުން، މުދަލާ ގުދަން ކުރެވޭ މިންވަރު ނުވަތަ ސްޓޮކް ހުރި މިންވަރުވެސް މި މުއްދަތުގައި ވަނީ 62 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް ގިނަ ކުންފުނިތަކުން ބުނެފައިވަނީ މި މުއްދަތުގައި ވަޒީފާ އިތުރުވެފައި ނެތް ކަމަށެވެ.