ހަބަރު

ޒިކްރާ މިސްކިތް ހުރި ތަނުގައި މިސްކިތާއެކު ވަގުފް އިމާރާތެއް އަޅަން ސޮއިކޮށްފި

މަޖީދީ މަގުގައި ހުންނަ ޒިކްރާ މިސްކިތް ތަޅާލައި، އެ މިސްކިތް ހުރި ބިމުގައި މިސްކިތަކާއެކު ވަގުފް އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާއެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފި އެވެ.

"ދާރުއްޒިކްރާ" ގެ ނަމުގައި ޒިކްރާ މިސްކިތް ހުރި ބިމުގައި މިނިސްޓްރީން އަޅަން ނިންމާފައިވަނީ 10 ބުރީގެ އިމާރާތެކެވެ. އެއީ ސައިކަލު ޕާކު ކުރެވޭ ގޮތަށް ބޭސްމެންޓަކާއި އިމާރާތުގެ ފުރަތަމަ ތިން ފްލޯ ނަމާދުކުރުމަށް އަދި ބާކީ ހަތް ފްލޯ ދީނީ ތަފާތު ހަރަކާތްތަކާއި ކަންކަމުގައި ބޭނުންކުރެވޭ ގޮތަށެވެ.

މި މަޝަރޫއުގެ ޖުމްލަ އަގަކީ 130 މިލިއަން ރުފިޔާއެެވެ. އިމާރާތަށް ކުރާ ހަރަދުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ހޭދަކުރަން ނިންމާފައިވަނީ 30 މިލިއަނެވެ. ބާކީ 100 މިލިއަން ރުފިޔާ ހަރަދުކުރާނީ އެސްޖޭ އިންނެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑު އިގްތިސާދީ އެޖެންޑާއަކާއެކު ކަމަށާއި، އެ އެޖެންޑާގެ ތެރެއިން އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ބައްލަވައި ހެއްދެވި ކަމަށެވެ. ވަގުފްގެ ނިޒާމް ރާއްޖޭގައި ފުޅާކުރުމަށް ނިންމައި އެ މަސައްކަތްތައް ރާއްޖޭގައި އަލުން ފައްޓަވާފައިވަނީ ރައީސްގެ ވިސްނުންފުޅެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިންނަކީ ވަގުފްގެ ނިޒާމުގެ ތެރެއިން ދައުލަތަށް ފައިސާ ހޯދުމުގެ ތާރީހެއް އޮތް ބައެއް. މިއީ އިސްލާމީ ގައުމުތަކުގައި ވެސް މިހާރުވެސް ވަރަށް ފުޅާކޮށް ޕްރެކްޓިސް ކުރަމުން އަންނަ ކަމެއް،" ޒިޔާދު ވިދާޅުވި އެވެ.

ދާރުއްޒިކްރާ އިމާރާތް ނިންމަން އެސްޖޭއަށް ދީފައިވަނީ ދެ އަހަރާއި އެއް މަހުގެ މުއްދަތެކެވެ. ނަމަވެސް މިސްކިތުގެ ގޮތުގައި ހިމެނޭ ފުރަތަމަ ތިން ފްލޯ އަންނަ އަހަރުގެ ރޯދަމަހަށް ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޒިކުރާ މިސްކިތަކީ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫންގެ ބައްޕާފުގެ ހަނދާނުގައި އެޅި މިސްކިތެކެވެ.