ބޮލީވުޑް

މެގީ ނޫޑްލްސް އިޝްތިހާރާ ހެދި މާދުރީ ގާނޫނީ ގޮޅިއަކަށް ފެތެނީ

May 31, 2015
1

ބޮލީވުޑްގެ މަޝްހޫރު ތަރިންނަކީ އެމީހުން ކުޅޭ ފިލްމުތަކުގެ އިތުރުން ގިނަ ބްރޭންޑްތަކެއްގެ އިޝްތިހާރުތައްވެސް ކުޅޭބަ އެވެ.

ނެށުމަށް މަޝްހޫރު ބޮލީވުޑްގެ ބަތަލާ މާދުރީ ޑިކްޝިޓް ކުޅެފައިވާ މެގީ ނޫޑްލްސްގެ އިޝްތިހާރަކާއި ގުޅިގެން، އުއްތަރަ ޕްރަދޭޝްްގެ ފޫދް އެންޑް ޑްރަގް އެޑްމިނިސްޓަރޭޝަން (އެފްޑީއޭ) އިން މާދުރީއަށް ނޯޓިސްއެއް ފޮނުވައިފި އެވެ.

މާދުރީ ކުޅެފައިވާ ދެ މިނިޓްގެ އިޝްތިހާރުގައި ދައްކުވައިދީފައިވަނީ މެގީ ނޫޑްސް އަކީ ކުޑަކުދިންނަށް ފައިދާހުރި ކާއެއްޗެއް ކަމަށެވެ. ނަމަވެސް، އެފްޑީއޭއިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޓެސްޓްކުރި 24 ޕެކެޓެއްގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެން އިތުރަށް މޮނޮސޯޑިއަމް ގުލުޓެމޭޓް (އެމްއެސްޖީއެމް) އާއި ލެޑް ހުރެގެން ފިހާރަތަކުން ނެގުމަށް އަންގާފަ އެވެ.

އެގޮތުން ހަތް ގުނަ އިތުރަށް ލެޑް ހިމެނޭ ކަމަށް ފާހަގަކުރަމުން އެ އިދާރާއިން ބުނެފައިވަނީ މިއީ ހަށިގަނޑަށް ގެއްލުންވެދާނެ މިންވަރެއް ކަމަށެވެ.

މާދުރީއަށް އެފްޑީއޭ އިން ފޮނުވާފައިވާ ނޯޓިސްގައި ވަނީ ދެހަފްތާގެ ތެރޭގައި އޭނާ ކުޅެފައިވާ އިޝްތިހާރުން ފެންނަ ގޮތަށް މެޖީ އަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މާދުރީ ނޯޓިސްގައި ބުނެފައިވާގޮތަށް ލިޔުންތައް ހުށަނާޅައިފިނަމަ އޭނާއާއި ދެކޮޅަށްް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް އެފްޑީއޭގެ ފުޑް ސެކިއުރިޓީ އޮފިސަރ މަހީމަނަންދް ޖޯޝީ ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން މާދުރީ ވަނީ ޓްވިޓާގައި އިންޑިއާގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް އޭނާއަކީ ވެސް މެގީ ނޫޑްލްސް މީގެ އަހަރުތަކެއް ކުރިން ފެށިގެން ކަމުން އައި މީހެއްކަމަށާއި، މެގީ ނޫޑްލްސްއާއި ގުޅިގެން މިހާރު އުޅޭ ރިޕޯޓްތަކާއި ގުޅިގެން އެކަމާ ހާސްވެ ނެސްލޭގެ ޓީމާއި ބައްދަލުކުރިކަމަށެވެ. އެގޮތުން ނެސްލޭ އިން ވަނީ އެމީހުން އުފައްދާ ހުރިހާ ކާއެއްޗެއް އުފައްދަނީ އެންމެ މަތީ ފެންވަރުގެ ކޮލިޓީގައި ކަމަށްވެސް ބުނެފަ ކަމަށެވެ. އަދި އަބަދުވެސް ބަލަނީ ކަސްޓަމަރުންނައް ރައްކާތެރި ކާނާ ފޯރުކޮށްދިނުމަށް ކަމަށްވެސް ބުނެފައިވާ ކަމަށެވެ. މީގެއިތުރުންވެސް ނެސްލޭ އިންވަނީ މެގީގެ ކޮލިޓީއާއި ރައްކާތެރިކަން ހިފެހެއްޓުމަށް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމުގެ ޔަގީންކަން ދީފައިކަމަށްވެސް މާދުރީ ލިޔެފައިވެެ އެވެ.

މިކަމާއި ގުޅިގެން ނެސްލޭ އިންޑިއާ ސަބްސިޑަރީން ބުނެފައިވަނީ މެގީ އުފެއްދުމަށް އެމްއެސްޖީއެމް އާއި ލެޑް ނާޅާކަމަށާއި، ލެޑް ހިމެނޭނަމަ އެއީ ނޫޑްލްސް ހަދަން ބޭނުންކުރާ ގުދުރަތީ އެއްޗެހީގައި ހިމެނޭ ލެޑްކަމަށެވެ.

ނުރައްކާ މިންވަރަކަށް އެމްއެސްޖީ އާއި ލެޑް ހިމެނޭ ބެޗުގެ ޕެކެޓްތައް ފިހާރަތަކުން ނެގުމަށް އަންގާފައިވާއިރު، މެގީ ނޫޑްލްސް އަކީ އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ ނޫޑްލްސް އެކެވެ.