ވިޔަފާރި

މިދިޔަ މަހު އާމްދަނީ 41 ޕަސެންޓް އިތުރުވެއްޖެ

Jul 9, 2018

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 41 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 41 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 18.5 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ ފިތުރު ޢީދު ބަންދާ ގުޅިގެން ޖޫން 2017 ގެ ހުރިހައި ޓެކުހުގެ ސުންގަޑިތައް ޖުލައި މަހަށް ފަސްކުރެވިފައިވުމެވެ. އަދި، 2017 ވަނަ އަހަރާއި އަޅައިބަލާއިރު މި އަހަރު ގިނަ ރިސޯޓުތަށް ހުޅުވިފައިވުމުގެ ސަބަބުން ޓޫރިޒަމް ލޭންޑް ރެންޓް، ޓީޖީއެސްޓީ، އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 35.4 ޕަސެންޓް ނުވަތަ 455.95 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 12.6 ޕަސެންޓް ނުވަތަ 292.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 4.2 ޕަސެންޓް ނުވަތަ 162.05 މިލިއަން ރުފިޔާ، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި (114.98 މިލިއަން ރުފިޔާ ނުވަތަ 3.6 ޕަސެންަޓް )، ގްރީން ޓެކްސްގެ ގޮތުގައި (54.27 މިލިއަން ރުފިޔާ ނުވަތަ 3.6 ޕަސެންޓް ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (208.5 މިލިއަން ރުފިޔާ ނުވަތަ 16.2 ޕަސެންޓް ) ހިމެނެއެވެ. މިދިޔަ ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.