މިއުޒިކް

ޝަހީދު ލެގަސީ ލަންކާ ޓްއާކަށް

ކޮންމެ އަހަރު ސްރީލަންކާގައި ބާއްވަމުން އަންނަ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓިވަލް" ގެ މި އަހަރުގެ ފެސްޓިވަލްގެ ޓްއާތަކުގައި ޕާފޯމް ކުރުމަށް ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް، ޝަހީދު ލެގަސީއަށް ދައުވަތުދީފި އެވެ. މިއީ މި ފެސްޓިވަލުގައި ބައިވެރިވުމަށް ޝަހީދަށްދައު ވަތުދިން ދެ ވަނަ އަހަރެވެ.

ޝަހިދަކީ ރާއްޖޭގެ މަޝްހޫރު ދެ ބޭންޑެއް ކަމަށްވާ މެޓަލް ބޭންޑާއި ސެކްރެޑް ލެގަސީގެ ފައުންޑާ އެވެ. ޝަހީދުއަކީ މިހާރު ގްރެވިޓީ ބޭންޑުގެ ގިޓަރިސްޓެކެވެ.

މި ފެސްޓިވަލުގެ ދަށުން ލަންކާގެ އެކި ހިސާބުތަކުގައި ކޮންސަޓްތައް އޮންނާނެ އެވެ. އޭގެ ތެރޭގައި ލަންކާގެ ބައެއް ސިޓީތަކާއި ޔުނިވާސިޓީތަކުގެ އިތުރުން ވޯކާސް ސެންޓަރުތައް ހިމެނެ އެވެ. މި ޓްއާ ކުރިއަށްދާނީ މި މަހު 18 އިން 28 އަށެވެ. މި ޓުވާގެ ދަށުން ކޮލޮމްބޯގައި އޮންނަ ކޮންސާޓު އޮންނާނީ މި މަހު 21 ގައި ރަޝިއާ ސެންޓަރުގަ އެވެ.

މި ޓުވާތަކުގައި ރަޝިއާ، އިންޑިއާ، އީރާން، ފަލަސްތީން އަދި ޖަޕާނުގެ ގިޓަރިސްޓުން ޕާފޯމްކުރާނެ އެވެ. މީގެ އިތުރުން ތަފާތު ސްޓައިލްތަކުގެ ގިޓާ މިއުޒިކުވެސް ކުޅޭނެ އެވެ. އޭގެ ތެރޭގައި ކްލެސިކަލް، ހަވާއިއަން، ޓްރޯވާ، ޖެޒް، ފްލެމެންކޯ، ހެވީ މެޓަލް އަދި ޕެޑެލް ސްޓީލް ސްޓައިލްއަށް ގިޓާ ކުޅޭނެ އެވެ.

އެވޯޑު ހާސިލުކޮށްފައިވާ ރަޝިއާގެ މަޝްހޫރު ދެ ގިޓަރިސްޓުންގެ އިތުރުން އިންޑިއާގެ މަޝްހޫރު ގިޓަރިސްޓެއް ކަމަށްވާ އަދިތްޔަ ގާންދީވެސް ބައިވެރިވާނެ އެވެ.