ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާ ބައްދަލު ކުރެއްވި ކަމަށާއި އެމަނިކުފާނާއެކު އޮންނަ ގާތް ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް، އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާތަކާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ޝޭހް އިމްރާން އަބްދުﷲ ޖަލަށްލުމާ ގުޅިގެން ކަމަށާއި އެކަމާ ގުޅިގެން ސަރުކާރުން ވަކިވުމަށް އަދާލަތުން ވެސް އެދިފައިވާތީ ކަމަށެވެ. އެ ވަގުތު ސަރުކާރުގެ ތެރޭގައި އިސްލާމީ ގިނަ މަސައްކަތްތަކެއް ހިނގަމުން ދިޔަ ކަމަށާއި ަނމަވެސް އިމްރާންއަށް ޓަކައި އެ މަގާމުން އިސްތިއުފާ ދެއްވާ ވަޑައިގެންނެވި ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑާ އެމަނިކުފާނާ [ޝޭހް އިމްރާންއާ] ދެމެދު އޮތް އަހުވަންތަ ކަމަށް ދުވަހަކު ވެސް ބަދަލެއް ނާދޭ، މިއަދާ ހަމަޔަށް ވެސް ބަދަލެއް ނާދޭ އަދި އެ ބަދަލެއް ނުވެސް އަންނާނެ،" ޝަހީމް ވިދާޅުވި އެވެ. "ރައީސް ވިދާޅުވި އިމްރާންއަށް އެހީ ވުމަށް ސަރުކާރުގައި މަޑުކޮށްލަންވަންވީ ނޫންތޯ އޭ ވެސް، ނޫނީ ޝަހީމް ކޮން ކަމެއްކޮށްދެއްވައިގެން ތޯ ވެސް ސަރުކާރުގައި ދެމި ހުންނާނީ، ނަމަވެސް އިމްރާންއަށް ޓަކައި އަޅުގަނޑު ދެންނެވީ މާފް ކުރައްވާށޭ،"
ނަމަވެސް ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހުގައި އިދިކޮޅު ހަރަކާތުގެ ތެރެއަށް ވަދެ ވަޑައިގަންނަން ބޭނުންފުޅު ނުވާ ކަމަށާއި އިމްރާންއަކީ ކިތަންމެ ގާތް އަހެއް ނަމަވެސް ގަބޫލު ނުކުރެވޭ ހަމައެއްގެ ތެރެއިން ވަދެވަޑައި ނުގެންނެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ ލަފާ އިމްރާންއަށް ވެސް ދެއްވެވި ކަމަށާއި ނަމަވެސް އެކަން ގަބޫލު ނުކުރެއްވުމުން އިމްރާން އާއި ދެމެދު އިތް ސިޔާސީ ގުޅުން ވަރަށް އިހުތިރާމާ އެކުގައި ކެނޑިގެން ދިޔަ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މިއަދާ ހަމަޔަށް ވެސް އެފަދަ ގުޅުމެއް ނޯންނާނެ ކަމަށް ވެސް ޝާހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ޝޭހް އިމްރާންއާ އެމަނިކުފާނާ ބައްދަލު ކުރެއްވާފައިވާނެ ކަމަށާއި ނަމަވެސް އެ ވާހަކަތައް މީޑިއާއަށް ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ނަމަވެސް ޝޭހް އިމްރާން މިހާރު ހުންނެވީ ހުކުމެއްގެ ދަށުވެފައި ކަމަށާއި އެކަމުން ސަލާމަތްވެވޭނީ ކަނޑައެޅިފައިވާ މަރުހަލާތަކުން ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް މިއަދު ވެސް އިމްރާނަށް ހެޔޮ އެދޭ ކަމަށާއި އެހެންކަމުން ޒާތީ ކަމެއް އޮތް ނަމަ ރައީސް ޔާމީންއާއެކު އެކަން ނިންމަވާލުމަށް ފަހު އެކުގައި ވަޑައިގަތުމަށް ގޮވާލާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މާދަމާ ވެސް އިރާދަކުރެއްވީއާ އިމްރާން ސަލާމަތްވީމަ ތިޔަބޭފުޅުން އައްސަވާ ބައްލަވާ އިމާރާންގެ ގާތުން ތިބި އިމްރާނަށް ތާއީދުކޮށްގެން ނެރުން މީހުންނާއި އެންމެހާ ރައްޓެހިންގެ ތެރެއިން އެންމެ ރަނގަޅީ ކޮން ރައްޓެެއްސެއްތޯއޭ، ސަތޭކަ ޕަސަންޓު އެ މީހެއްގެ ނަން އަންނާނީ އަޅުގަނޑަށްކަން،" ޝާހީމް ވިދާޅުވި އެވެ. "އަޅުގަނޑު މި ދަންނަވަނީ އިމްރާން އަރިހުގައި ޒާތީ ކަމެއް އޮތީއާ ރައީސް ޔާމީންއާ ފިލުވާލައްވާ އަޅުގަނޑާއެކު ވަޑައިގަންނަވާށޭ،"
އިމްރާންގެ އިތުރުން ޝޭހް އިލްޔާސްއަކީ ވެސް ވަރަށް ގާތް އަހެއް ކަމަށާއި އެ ދެ ބޭފުޅުން ގާތުގައި ނެތްކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭ ކަމަަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނާ ދޭތެރޭ އެއްވެސް ނަފްރަތެއް ވެސް ނެތް ކަމަށާއި ނަމަވެސް ގަބޫލު ނުކުރެވޭ ފަލްސަފާއެއްގެ ތެރެއިން އެ ބޭފުޅުންނާއެކުގައި ވިޔަސް ދެވޭކަށް ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަރަބި އިސްލަމީ ވަހުދަތު ގާއިމް ކުރަން ފަލްސަފާއެއް އޮއްވާ އެ ނޫން ފަލްސަފާއެއްގެ ތެރެއަށް އަޅުގަނޑަކަށް ނުދެވޭނެ، މިތާނގަ އިސްލާމް ދީން ދަމަހައްޓާނެ ކަމަށް ބުނާ ވެރިއެއްގެ ފަހަތުގައި ހުރެފައި އެހެން ދިމާލަކަށް އަޅުގަނޑަކަށް ނުދެވޭނެ، އެހެންވީމަ މި ޖެހިގެން އުޅޭ މައްސަލާގައި އަޅުގަނޑުމެން މަޝްވަރާކޮށްގެން ކޮންމެވެސް ހައްލެއް އެބަ ޖެހޭ ނެރެން، ދީނީ އިލްމުވެރިން ތިބެން ޖެހޭނީ އަޅުގަނޑުމެންނާ އެއްކޮށް،" ޝަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަށް އިޝާރަތް ކުރައްވާ ޝާހީމް ވިދާޅުވީ އެ ޕާޓީ އުފެއްދި އެންމެ ބޮޑު މަގްސަދަކީ އިސްލާމީ ވަހުދަތު ރާއްޖޭގައި ގާއިމް ކުރުމަށްޓަކައި ކަމަށާއި އިސްލާމީ ދައުވަތު ފެތުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޕާޓީ މެދުވެރިކޮށް ވަޑައިގެންފައިވާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީ އުފެއްދި ފަރާތްތަކުން ތިބެން ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ދީން ދިރުވުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ތިބެން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި އެ ނޫން މަގަކުން ވަޑައިގެންނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އެހެންކަމުން އެ ބޭފުޅުން ވެސް ބަދަލު ވެގެން ރައީސް ޔާމީންއަށް ގުޅިވަޑައިގަތުމަށް ވަރަށް ބޮޑަށްއެދިވަޑައިގަންނަވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.