ބޮލީވުޑް

އަކްޝޭ އާއި ސައިފް ފިލްމުކުޅެދޭ އަގު ކުޑަކުރަނީ

May 31, 2015

މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮޑު ބަޖެޓްގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީތަކެއް ލިބިފައެއް ނުވެ އެވެ. އެހެންކަމުން ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ވަނީ އެމީހުން ފިލްމު ކުޅެދޭ އަގުކުޑަކޮށްފަ އެވެ.

ސައިފް އަލީ ޚާން ވަނީ އޭނާ ޑިމާންޑުކުރި ވަރުގެ އަދަދެއް ދޭން ޑައިރެކްޓަރު ރީމާ ކަގްތީގެ ފިލްމުގެ ޕްރޮޑިއުސަރުން ފަރްހާން އަޚްތަރު އާއި ރިތޭޝް ސިދްވާނީ އިންކާރުކުރުމުން އެފިލްމު ނުކުޅެ ދޫކޮށްލާފަ އެވެ. އެހެންނަމަވެސް، ޖެހިޖެހިގެން ސައިފް މިފަހުން ކުޅުނު ފިލްމުތައް ފްލޮޕްވުމާއި ގުޅިގެންވަނީ އޭނާވެސް ވަނީ ފިލްމުކުޅެދޭ އަގު ކުޑަކުރުމަށް ނިންމާފަ އެވެ. އެގޮތުން މިހާރު ސައިފް ކުޅުމަށް ހަމަޖެހިފައިވާ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ ފިލްމާއި އެކްތާ ކަޕޫރު":ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" ނަމަކަށް ކިޔާ ވާހަކަ ފޮތުގެ މައްޗަށް އުފައްދާ ފިލްމާއި، "ރޭސް" ސީކުއެލްގެ އާފިލްމު ކުޅެދިނުމަށް ހަމަޖެހިފައިވަނީ ކުޑަ އަގެއްގަ އެވެ.

ސައިފް އާއި އަކްޝޭ ފިލްމު ކުޅެދޭ އަގުކުޑަކުރުމާއި ގުޅިގެން ޓްރޭޑް އެނަލިސްޓް އަމޯދް މެހްރާ ބުނީ މިއީ ރަނގަޅު ކަމެއްކަމަށާއި އެއީ އެމީހުންގެ މުސާރަކުޑަވުން ކަމަށް ދެކިގެންނުވާނެ ކަަމަށެވެ. އަދި ތަރިންނަށް އެމީހުން މިހާރު ކިޔާ އަގުތައް ބޮޑުވުމުގެ ސަބަބުން ފިލްމުގެ ވިޔަފާރިއަށް އެކަމުން އަސަރުތަކެއްކުރާ ކަން އިހްސާސްވީތީ އެކަމާ އުފާކުރާ ކަމަށެވެ.

މީގެއިތުރުން ފިލްމު ޑިސްޓްރިބިއުޓާ ރަމޭޝް ސިޕީ ވެސް ބުނެފައިވަނީ މިއީ މިދެތަރިން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.އަދި ރިތިކް ރޯޝަން އާއި ރަންބީރު ކަޕޫރު ފަދަ ތަރިންވެސް އަގުކުޑަކުރާނެކަމަށް އުއްމީދުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ރިތިކް ރޯޝަން އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ބޭންގް ބޭންގް" ކުޅެދީފައިވަނީ 30 ކްރޯޑް (300 މިލިއަން ރުޕީޒް) އަށެވެ. އަދި މިހާރު ޝޫޓިން ނިމި، އަންން އަހަރުގެ ކުރީކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޑައިރެކްޓަރު އާޝުތޯޝް ގޯވާރުކަރު ގެ ފިލްމު ކުޅެދީފައިވަނީ 50 ކްރޯޑް (500 މިލިއަން ރުޕީޒް) އެވެ. މީގެއިތުރުން ރަންބީރު ކަޕުރޫ ވަނީ 32 ކްރޯޑް (320 މިލިއަން ރުޕީޒް) މިމަހުގެ 15ވަނަ ދުވަހު ރިލީޒްކުރި "ބޮމްބޭ ވެލްވެޓް" ކުޅެގެން ނަގާފަ އެވެ.

"ބޮމްބޭ ވެލްވެޓް" ފްލޮޕްވެފައިވާއިރު، މިހާތަނަށް މިިފިލްމަށް ލިބިފައިވަނީ 25 ކްރޯޑް (250 މިލިއަން ރުޕީޒް) އެވެ. މިއީ ރަންބީރުއަށް މިފިލްމުކުޅެގެން ލިބުނު ވަރަށް ވުރެން ދަށް އަދަދެކެވެ.