ދުނިޔެ

އެމެރިކާގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އާ ނަމެއް

ވޮޝިންގްޓަން (ޖުލައި 9) - އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބްރެޓް ކެވަނާގެ ނަން، ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފި އެވެ.

މިހާރު ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިނުއާފު ފަނޑިޔާރު ކެވަނާ، 53 އަކީ ކުރީގެ ރައީސް ޖޯޖު ޑަބްލިއު ބުޝްގެ އެޑްވައިޒެރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކެވާނެގެ ނަން ޓްރަމްޕް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެންތަނީ ކެނެޑީ ރިޓަޔާ މި މަހުގެ ނިޔަލަށް ރިޓަޔާ ކުރައްވަން ނިންމެވުމާއި ގުޅިގެންނެވެ.

ސުޕްރީމު ކޯޓަށް ކެވަނާގެ ނަން އިއުލާނު ކުރައްވަމުން ޓްރަމްޕް ވަނީ ކެވާނާއަށް ވަރަށް ތައުރީފު ކުރައްވާފަ އެވެ.

އާ ފަނޑިޔާރަކު ޓްރަމްޕް އިއުލާނު ކުރެއްވި ނަމަވެސް، އެމެރިކާގެ ސެނެޓުން ކެވާނާގެ ނަން ފާސް ކުރަންޖެހޭނެ އެވެ. ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ހަނި މެޖޯރިޓީ އެއް ސެނެޓުގައި އޮތުމުން، އެކަން ކުރެއްވުމަށް މާ ބޮޑު ހުރަސްތަކެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެ އެވެ.

އުމުރުން 81 އަހަރުގެ ކެނެޑީ ރިޓަޔާ ކުރައްވާނީ ޖުލައި 31 ވަނަ ދުވަހު އެވެ. މިހާރު ވެސް ފަހެއް ހަތަރަކުން ކޮންޒަވޭޓިވްސް އާއި އެއްކޮޅަށް ސުޕްރީމު ކޯޓުގެ ބެންޗު ބުރަވެފައިވާތީ، ކެވަނާ އައްޔަނު ކުރެއްވިޔަސް ބެންޗަށް މާ ބޮޑު ބަދަލުތަކެއް ނާންނާނެ އެވެ. ކެނެޑީއަކީ ކޮންޒަވެޓިވް ބޭފުޅެއް ނަމަވެސް ސުޕްރީމު ކޯޓުން ފަހުން ނިންމި ގިނަ ނިންމުންތައް އައިސްފައި ވަނީ ލިބެރަލްސްއާ އެއްކޮޅަށެވެ. ނަމަވެސް، އެފަދަ ދުލެއް ކެވަނާ ދެއްވާނެ ކަމަކަށް ނުބެލެވެ އެވެ.

ނަމަވެސް އިމިގްރޭޝަނުން ފެށިގެން ބަޑި ގެންގުޅުމާއި އެބޯޝަން ފަދަ ނިންމުންތައް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ސުޕްރީމު ކޯޓުގެ ނިންމުންތައް މިހާރު އައުން ގާތް ކަމުގައި މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ލަފާކުރެ އެވެ.

މިއީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން ލިބި ވަޑައިގަންނަވާ ދެ ވަނަ ފުރުސަތެވެ.