ހަބަރު

ދިއްގަރު ނަރުދަމާއާ ބަނދަރު އިފްތިތާހު ކޮށްދެއްވައިފި

މ. ދިއްގަރުގައި ނަރުދަމާ ނިޒާމާއި އެ ރަށުގެ ބަނދަރުގެ މަސައްކަތް ނިންމައި މިއަދު ރަސްމީކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް އިފްތިތާހު ކޮށްދެއްވައިފި އެވެ. މި ނިޒާމް އިފްތިތާހުކޮށް ދެއްވީ މިއަދު ހެނދުނު ރައީސް އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދިއްގަރުގެ މި ނިޒާމް ގާއިމްކުރަން ހަވާލު ކުރީ، މައި ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީއަށެވެ.
މި މަޝްރޫޢުގެ އަގަކީ 26,577,851.08 ރ. އެވެ.

ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށީ ޖެނުއަރީ 18، 2017 ގައެވެ. މަސައްކަތް ނިންމާފައިވަނީ ޖެނުއަރީ 13، 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ދެ ޕަމްޕް ސްޓޭޝަން ބަހައްޓައި 4.3 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް 249 ގެއަށް ވަނީ ހިދުމަތް ދީފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 340 މީޓަރުގެ އައުޓް ފޯލް ހޮޅި އަޅާފައި ވެއެވެ. މި ނިޒާމުގެ ޚިދުމަތް 1 ޖުލައި 2018 އިން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ރަށުގައި ފޯރުކޮށްދެމުންނެވެ.

ދިއްގަރު ބަނދަރަކީ 750 ފޫޓް ދިގު، 260 ފޫޓް ފުޅާ ބަނދަރެކެވެ. މަޝްރޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 2015 ގައެވެ. ނިންމީ މިއަހަރު އެވެ. މި ބަނދަރުގައި ބޭރު ތޮއްޓަކާއެކު 452 މިޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލާފައިވާއިރު މި މަޝްރޫއުގެ އަގަކީ 48 މިލިއަން ރުފިޔާ އެވެ.