ހަބަރު

ޕީޕީއެމަށް އެންމެ ބޮޑު ގެއްލުމެއްދިނީ ފާރިސް: ރައީސް

ދިއްގަރު ދާއިރާގެ މެންބަރު ކަމަށް އަހުމަދު ފާރިސް މައުމޫން ނެގުމަކީ ޕީޕީއެމަށް އެންމެ ބޮޑު ގެއްލުން ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މ. ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޕީޕީއެމަށް ހީނަރުކަން އާއިރު އޭގެ އެންމެ އިސްދައުރެއް އަދާކުރެއްވި ބޭފުޅަކީ، އެބޭފުޅަކު ހޮވުމަށް އެންމެ ބުރަ މަސައްކަތެއް އަދި އެންމެ ގިނަ މަސައްކަތެއް ކުރި ބޭފުޅެއްގެ ފަރާތުން ކަމަށެވެ.

"މި ދާއިރާއަށް ފާރިސް ނެގުމަކީ މި ޕާޓީއަށް ލިބުނު އެންމެ ބޮޑު ގެއްލުން، ދިއްގަރުގެ ރައްޔިތުން އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ، މިވާހަކަތައް ދައްކާކަށް ފަސޭހަ އެއް ނޫން، އެކަމަކު އަޅުގަނޑަކީ ދުނިޔޭގެ ހަގީގަތާއި އަޅުގަނޑުމެންގެ ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަން ބޭނުންފުޅުވާ ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިއްގަރު ދާއިރާއަށް ފާރިސް ހޮވުމުގެ ނަތީޖާއަކަށްވީ ގާނޫނުން ބޭރުން ގާނޫނާ ހިލާފް އެތައް ކަމެއް ކުރަމުންދިޔުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފް ކަންތައްތަކެއް ކުރަން ރޭވިގެންދިޔަ ކަމަށާއި އެކަންކަމުގައި އިސްކޮށް ހުންނެވީ މިދާއިރާއަށް ހޮއްވެވި މެންބަރު ފާރިސް ކަމަސް ރާއީސް ވިދާޅުވި އެވެ.

"ޕާޓީއަށްއާ ހުރިހާ ހީނަރުކަމެއް އައުމުގައި އެންމެ އިސްކޮށް ފެންނަން ފާޅުގައި ހުންނެވީ މިދާއިރާއަށް އަޅުގަނޑުމެން ހޮވި މެންބަރު ފާރިސް، މީގެ އުނދަގޫ މިހާރުވެސް ޕާޓީން އުފުލަމުން މިދަނީ، ޕާޓީގެ މެންބަރުންވެސް މި ހިތްދަތިކަން އެބަ އިހުސާސްކުރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުންތަކެއް ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދެވި ކަންތައްތަކާއި ދިވެހި ދައުލަތް ދައުރު ހަމަވުމުގެ ކުރިން ގާނޫނާ ހިލާފަށް ވައްޓާލަން ކުރި މަސައްކަތަކީ މި ސަރުކާރުގައި ފިޔަވަޅު އެޅޭނެ ކަންކަން ކަމަށެވެ.

ރައީސް ވިދާޅުވީ، މިއީ މި ސަރުކާރުން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މީގެ ކުރީގެ ސަރުކާރު ތަކުންވެސް މިކަހަލަ ކަންކަމާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. މި ސަރުކާރުގެ ތަފާތަކީ ހުރިހާ އެންމެނާ ދޭތެރޭ އެއް އިންސާފެއް ގާއިމް ކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުރިހާ އެންމެނަށް އެއް އިންސާފެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ބަންދުގައި ގެންގުޅެން އުނދަގޫ އެތައް އިސް ބޭފުޅުންތަކެއް އެތިބީ ޝަރުއީ ހުކުމަކާއެކު ބަންދުގައި، އެއީވެސް ފަހަރުގައި ރައީސް ނަޝީދު ކަންކުރެއްވި ގޮތުން އަޅުގަނޑު ކަންކުރެއްވީކީ ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިފައިންނާއި ފުލުހުންނެރެ މީހުން ހައްޔަރު ނުކުރާ ކަމަށާއި ގާނޫނުން ބޭރުނާއި ޗާޓުން ބޭރުންނާއި ޝަރީއަތުގެ ބޭރުން އެއްވެސް މީހަކު ހިފާ ހައްޔަރު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ، ދިވެހި ދައުލަތަށް ބޮޑު ގެއްލުމެއްލިބޭ ފަދަ ކަމެއް ކުރަން އުޅޭ ފަރާތްތަކާމެދު ފިޔަވަޅު ނާޅާ ދޫކޮށް ނުލެވޭނެ ކަމަށެވެ.

"ބަންދުގައި ތިބި ބޭފުޅުންގެ ތެރޭގައި މަޖިލީިހުގެ މެންބަރުންވެސް އެބަތިބި، މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނީ ގާނޫނާ އެއްގޮތަށް މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވުމުން، އޭގެ ބޭރުން އެއީ ދިވެހި އާންމު ރައްޔިތުން، އުގޫބާތުގެ ކުރިމަތީގައި އެއް ކަހަލަ ހަމައަކަށް ތަބާވާން ޖެހޭ މީހުން، މަޖިލިސް މެންބަރުން ވާން ޖެހޭނީ ނަމޫނާ ދައްކާ ބަޔަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މެންބަރުން ވާންޖެހެނީ އަހުލާގު ރަނގަޅު އެއްވެސް ކަމެއް ނުކުރާ ބަޔަކަށް ކަމަށާއި މުޖުތަމައުގެ ނަމޫނާއަކަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ އެންމެ ފަހުން ރާއްޖޭގައި ހިނގައިދިޔަ ހުރިހާ ބޮޑެތި ގާނޫނާ ހިލާފް ކަމެއްގައި އެންމެ އިސްކޮށް ފާރިސްއ މެންބަރުންތަކެއް ތިއްބެވިތަން ކަމަށް ރައީސް ވިދާޅުވި އެވެ.