ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ހަމަ އެކަނި އިދިކޮޅުގައްޔާއި އެއްކޮޅުގައިވެސް މަސައްކަތް ކުރާ ޕާޓީ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މ. ދިއްގަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެބައެއްގެ ހާލަތު ބަދަލު ކުރާނީ އެބަޔަކު އަމިއްލަ އަށް ކަމަށެވެ. އަދި ދާ ކޮންމެ ތާކުން ފެންނަނީ ކުރީގެ ސަރުކާރުން ކޮށްފައިހުރި މަސައްކަތްތަށް ވީރާނާވެގެން ދާތަން ކަމަށާއި، ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން ކޮށްފައިވާ އެފަދަތަންތަން ވީރާނާވެގެން ދިއުމަކީ ރައްޔިތުންނަށް ތަހައްމަލްކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްއަކީ އިދިކޮޅުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީ ކަމަށާއި، އިދިކޮޅުގައި މަސައްކަތް ކުރަނީ ނާގާބިލް ސަރުކާރެއް އޮތުމުން ޖަވާބުދާރީ ކުރުމަށް ކަމަށެވެ. އަދި އެއްކޮޅުގައި މަސައްކަތް ކުރަނީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންނާއެކީ ކަމަށެވެ.
"އެހެން ވީމަ މި ނޫން ޕާޓީއަކަށް ވޯޓެއް ލިބެން ޖެހޭތޯ. ނުޖެހޭ ނޫންތޯ. މި ނޫން ޕާޓީއަކަށް ވޯޓް ލިބެންޖެހޭ އެއްވެސް ސަބަބެއް ނެތް. އެއްކޮޅުގައިވެސް މިއޮތީ އަޅުގަނޑުމެން. އިދިކޮޅުގައިވެސް މިއޮތީ އަޅުގަނޑުމެން. އިދިކޮޅުން އެހެން މީހަކު ބަހެއް ބުނާތަނެއް ނުފެނޭ. ހުރިހާ ރެލީ ތަކެއްގައިވެސް އަޅުގަނޑުމެން އެބަ ދަންނަވަން. ރައްޔިތުންގެ ހާލަތު ބަދަލު ކުރުމަށްޓަކައި އެކި ވާހަކަ ދައްކަވަމުން ގެންދެވި ލީޑަރުން ކޮބާތޯ މިއަދު. އެއިން ބޭފުޅެއްގެ އަޑެއް ނީވޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިންތިހާބެއްގެގޮތުގައި ލިބޭނެ ފަހު ފުރުސަތަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި، އެ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓް ދިނުމަށް ރައީސް ޔާމީން ވަނީ އެ ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ. އަދި ދިއްގަރުގެ ރައްޔިތުންގެ ބޮޑު އަގުލައްބިއްޔަތު އެމްޑީޕީއާއެކީ މަސައްކަތް ކުރުމަށް ނޭދޭނެ ކަމަށާއި، ދިއްގަރުގެ ބޮޑު އަގުލަބިއްޔަތު އެދޭނީ ޕީޕީއެމްއާއެކު މަސައްކަތް ކުރުމަށްކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.