ހަބަރު

ތެލެސީމިއާ ސޮސައިޓީން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަނީ

ރާއްޖޭގައި ތިބި ލޭ އަޅާ ކުދިންގެ ދުޅަހެޔޮކަން އިތުރުކުރުކޮށް، އެކުދިންނަށް ބައްޔާ ގުޅިގެން ދޭ ފަރުވާ އާއި ހޮސްޕިޓަލްތަކުން ދޭ އާންމު ފަރުވާތައް ދިނުމުގައި އަމަލުކުރަންޖެހޭ ރަނގަޅު ގޮތްތަކަށް ލޭ އަޅާ ކުދިންނާއި ސިއްހީ ދާއިރާގެ ޑޮކްޓަރުންނާއި ހިދުމަތްދޭ ފަރާތްތައް ހޭލުންތެރިކުރުމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

ތެލަސީމިއާ ޕޭޝަންޓުންނާއި ސިއްހީ ހިދުމަތްތެރިންނަށް ވަކިވަކިން ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ ތެލަސީމިއާ ޕޭޝަންޓުންނަށް ހާއްސަ އެޑިއުކޭޝަނަލް ސެޝަނަކާއި ޑޮކްޓަރުންގެ ސެމިނާރެކެވެ. މި ޕްރޮގްރާމްތައް ކުރިއަށްދާނީ މިމަހުގެ 18 އިން 21 އަށެވެ. ފުރަތަމަ އޮންނާނީ ޑޮކްޓާސް ކޮންފަރެންސެވެ. ޑޮކްޓަރުންނާއި ކްލިނިކަލް ހިދުމަތްދޭ ފަރާތްތަކުގެ މި ކޮންފަރެންސް އޮންނާނީ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު އައިޖީއެމްއެޗްގަ އެވެ. މި ކޮންފަރެންސްގައި ވާހަކަދައްކަން ހަމަޖެހިފައިވާ މައިގަނޑު މައުލޫތަކުގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާތަކާއި، އެކުދިންނަށް ފަރުދީ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި އުމުރަށް އަންނަ ބަދަލާއެކު ލޭއަޅާ ކުދިންނަށް ދޭ ފަރުވާ ބައްޓަންކުރުން ފަދަ މައުލޫތައް ހިމެނެ އެވެ.

ޕޭޝަންޓް ސެޝަން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 20 އަދި 21 ގައި މާގިރި ހޮޓަލުގަ އެވެ. މި މައުލޫމާތު ސެޝަންގައި ރާއްޖޭގައި ތިބި 12 އަހަރުން މަތީގެ ލޭ އަޅާ 50 އަށްވުރެ ގިނަ ޕޭޝަންޓުން ބައިވެރިވާނެ އެވެ. މި ސެމިނާގައި ޕޭޝަންޓުންނަށް އެމީހުންގެ ބައްޔާއި ފަރުވާއާއި، ދިރިއުޅުމުގެ ވައްޓަފާޅި ހެޔޮ ގޮތުގައި ބައްޓަންކުރާނެ ގޮތް ކިޔައިދޭނެ އެވެ. ސެމިނާގައި ކިޔަވައިދޭނީ ބޭރުގެ ތަޖުރިބާކާރު ދެ ޑޮކްޓަރުންނާއި ރާއްޖޭގައި ތިބި ތެލަސީމިއާ ބަލީގެ ބައެއް އެކްސްޕާޓުންނެވެ.

"އަވަސް"އަށް މައުލޫމާތުދެއްވަމުން ތެލެސީމިއާ ސޮސައިޓީގެ ވައިސް ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވީ، އާބާދީގެ ނިސްބަތުން ލޭއަޅާ ގިނަ އަދަދެއްގެ މީހުން އާބާދީގައި ތިބިއިރު، ތެލަސީމިއާ ހުންނަ ކުދިންނަށް އެކުދިންނަށް ރާއްޖޭގައި ލިބެން ހުރި ފަރުވާ އާއި ފުރުސަތުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ދިގު އަދި ދުޅަޔޮ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެ ސޮސައިޓީން އިސްނަގައިގެން މިހާރު ރާވާފައިވާ ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީވެސް އެއީ ކަމަށް ޖީހާން ވިދާޅުވި އެވެ.

"ސޮސައިޓީގަ ތިބި ތެލެސީމިއާ ޕޭޝަންޓުންނަށް ބައިވަރު ގޮންޖެހުން އެބަހުރި. ހާއްސަކޮށް ލޭއަޅާ ކުދިންނަށް މި ގޮންޖެހުންތައް ބޮޑު. އެކަމަކު އޭގެ މާނައަކީ ތެލެސީމިއާ ޕޭޝަންޓުންނަށް ދުޅަހެޔޮ، ދިގު ދިރިއުޅުމެއް ވޭތުކުރެވޭނެ ފުރުސަތު ސޮސައިޓީގަ ނެތުމެއް ނޫން. ޕޭޝަންޓުންނަށް ބޭނުންވާ ފަރުވާ ރާއްޖޭގައި އެބަ ލިބޭ. އާބާދީގެ ގޮތުން ބޮޑެތި ޕާކިސްތާން ފަދަ ގައުމުތަކުގައި ވެސް ރާއްޖެއާ ހިލާފަށް ތެލެސީމިއާ ޕޭޝަންޓުން ދިގު ހެލްތީ، ލޯންގް ލައިފެއްގަ އެބަ ދިރިއުޅޭ. މި ބަދަލު ރާއްޖެއަށް ނުގެނެވެންވީ ސަބަބެއް ނެތް،" ޖީހާން ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންނަށް ފަސޭހަ އަދި ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ތެލެސީމިއާ ޕޭޝަންޓުންނާއި އެމީހުންގެ ބެލެނިވެރިން ހޭލުންތެރިކުރަންޖެހޭ ކަމަށް ޖީހާން ވިދާޅުވި އެވެ.

"ތެލެސީމިއާއަށް އޮންނަ އެންމެ ބޮޑު ފަރުވާ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުން. އެކަމަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުން އެހިސާބުން ތެލެސީމިއާއާ މުޅިން ވަކިވީ ކަމަށް ދެކެވިގެން ނުވާނެ. އޭގެ ފަހުންވެސް އެބަ ހުރޭ ޓްރީޓްމަންޓްތަކެއް. ލޭ އަޅާ ކުދިންނަކީވެސް އުމުރަށް އަންނަ ބަދަލާ އެކު ފަރުވާއަށް ބަދަލު ގެންނަން ޖެހޭ ކުދިން. އެކަމަކު ހަމަ އެކަނި ހޭލުންތެރިކުރަން ޖެހެނީ ޕޭޝަންޓުންނާއި ބެލެނިވެރިންނެއް ނޫން. ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަކީ ވެސް ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ މުހިއްމު ރޯލެއް އަދާކުރާ ބައެއް،" ޖީހާން ވިދާޅުވި އެވެ.

ހޭލުންތެރިކަން އިތުރުކުރުމާއެކު ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ ތެލެސީމިއާ ޗާޓަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޖީހާން ވިދާޅުވި އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ލޭއަޅާ ކުދިން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރާއްޖޭގައި ލޭ އަޅާ ބަލި ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާފައިވާއިރު އެ ދަފްތަރުގައި ލޭ އަޅާ މީހުންގެ ގޮތު 850 އަށްވުރެ ގިނަ މީހުން މިހާރުވެސް އެބަ ތިއްބެވެ. ކޮންމެ އަހަރަކު އެވްރެޖްކޮށް 10 އަކަށް ވުރެ ގިނަ ކުދިން އެ ދަފްތަރަށް އިތުރުވެ އެވެ. މޯލްޑިވްސް ބްލަޑް ސާވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ފަސް އަހަރު ތެލަސީމިއާ ޕޭޝަންޓުންގެ ގޮތުގައި 92 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.