ހަބަރު

އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަނީ

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މި ސަރުކާރުން ދޭން ފެށި 5،000 ރުފިޔާގެ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މ. މުލަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިއަދު ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ބޮޑު ދަރަންޏެއް އޮވެ، ރައްޔިތުންނަށް ހުރިހާ ހިދުމަތެއް ވެސް ދެއްވަމުން އުމުރުން ދުވަސްވީ މީހުންނަށް 5،000 ރުފިޔާ ދެއްވާނެ ކަމުގެ ވައުދެވެވަޑައިގެންނެވި ކަމަށާއި އެ ވައުދު ފުއްދަވާފައިވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 5،000 ރުފިޔާއަށްވުރެ މާބޮޑުކޮށް އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް އަޅުގަނޑު ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އިނާޔަތް ބޮޑު ކުރާނީ ކިހާ ވަރަކަށް ކަމަށް މިއަދު ހާމަ ނުކުރައްވާނެ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށްފަހު އެ އަދަދު އިއުލާން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް އިތުބާރު ކުރައްވާ، އަޅުގަނޑަށް ފުރުސަތު ދެއްވާ، އަޅުގަނޑަށް މަސައްކަތްކޮށް ދެއްވާ، މިއީ ގައުމީ ގަމެއްގެ ގޮތުގައި ދެކިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޒުވާނުންނާއި ކުޑަކުދިންނަށް މި ސަރުކާރުންދޭ އިސްކަން ދޮށީ ރައްޔިތުންނަށް ވެސް ދޭނެ ކަމަށާއި އޭގެ އަޖުމަ ބަލާލުމަށް އެމަނިކުފާނަށް ދެވަނަ ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.