ވިޔަފާރި

ކޮންމެ އަހަރަކުވެސް މިދުވަސްވަރު، އެއާ އިންޑިއާގެ ފްލައިޓް ހުއްޓާލާ: ވިލާ ޓްރެވަލްސް

Jul 10, 2018
1

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު، އެއާ އިންޑިއާ އިން ބެންގަލޫރު ރާއްޖެ ކުރާ ޑައިރެކްޓް ފްލައިޓް ހުއްޓާލާ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ ފެސެންޖަރު ސޭލްސް އެޖެންޑް ވިލާ ޓްރެވަލް އިން ބުނެފި އެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެއާ އިންޑިޔާގެ ޝެޑިއުލް ފްލައިޓް ހުއްޓާލާފައިވާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ވިލާ ޓްރެވަލް އިން "އަވަސް" އަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު މި ފްލައިޓް ހުއްޓާލުމަށްފަހު ސެޕްޓެމްބަރު މަހުގެ އަލުން ފަށާ ކަމަށެވެ.

"އޮފް ސީޒަންވީމަ އެވަރަށް ލޯޑް ނުލިބޭތީ މި ހުއްޓާލަނީ. ކޮންމެ އަހަރަކުވެސް. އެ ފްލައިޓް ދެން ދާނީ ޓްރިވެންޑްރަމްގައި ޖައްސާފަ ބެންގަލޫރަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އިންޑިއާ އަށް ދާ މީހުން މަދުވުމުގެ ސަބަބުން ޓްރިވެންޑްރަމް ފްލައިޓް މި އަހަރު މަދުކޮށްފައިވާ ކަމަށެވެ.

"މީގެ ހަމައެކަނި ތަފާތަކީ ޓްރިވެންޑްރަމް ފްލައިޓް މިހާރު އިންނާނީ ހަފުތާއަކު ތިން ފްލައިޓް. ފްލައިޓް މަދުކުރީ. މި ފްލައިޓް ޓްރިވެންޑްރަމްގައި ޖައްސާފަ ބެންގަލޫރަށް ދިއުން،" އޮފިޝަލް ވިދާޅުވި އެވެ.

އެއާ އިންޑިއާގެ ފްލައިޓް ހުއްޓާލިއިރު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އަދި ރާއްޖެއަށް އަންނަ އިންޑިޔާ މީހުންނަށް ވިސާ ނުދިނުމުގެ މައްސަލަ ތަކެއް ޖެހިފައިވާ ކަމަށް ބައެއް ކުންފުނިތަކާއި އިންޑިއާގެ މީޑިއާ އިން ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގެ އިމިގްރޭޝަންއިން އެކަން ވަނީ ދޮގުކޮށްފަ އެވެ.