ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ހަމަލާ ދޭން މިއަދު ހުޅުމާލޭގައި ބަޔަކު މަސައްކަތް ކޮށްފައިވާތީ ސަލާމަތީ ބާރުތަކުން އިބޫއަށް ސެކިއުރިޓީ ދޭން ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ، އިބޫއަކީ ރައްޔިތުންގެ ކެންޑިޑޭޓް ކަމަށާއި އެމްއެންޑީއެފް އާއި ފުލުހުން އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް ސައިކަލްގައި ދެ މީހަކު އައިސް އެ ސަރަހައްދުގައި ހަމަނުޖެހުން ވަނީ ހިންގާފަ އެވެ. އަދި އިބޫއަށް ހަމަލާދޭން މަސައްކަތް ކޮށްފައިވެ އެވެ.
އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އިބޫ ވަށާލައި އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި ކުރީގައި ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.