ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުރަތަމަ ފަހަރަށް އޭނާ ދޮގު ކޮށްފި އެވެ. އަދި ވިދާޅުވީ އެއީ ބަޔަކު ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.
މަގާމުން ވަކިކުރިތާ 10 ދުވަސް ފަހުން އަލީ ވަހީދު މިރޭ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފަ އެވެ. ފުލުހުން ބުނީ އަލީ ވަހީދު ހާޒިރު ކުރީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ފުލުހުން ވަކި ކަމެއް ނުބުނި ނަމަވެސް އެއީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒިފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކެކެވެ.
ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ފުލުހުން އޭނާއާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައި ވާނެ ކަމަށާ ފުލުުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އަޅުގަނޑު އިންކާރު ކުރަން. އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް އިންސާފު ލިބިގެން ދިއުން. އިރާދަފުޅުން އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތުވެގެން ވެސް ދާނެ،" ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ދިނުމުގެ ކުރިން އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،"
ސިޔާސީ ނުފޫޒު އޮތް ކަމެއް
އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާ ކުރިމަތި ލައްވާނެ ކަމަށެވެ.
މަގާމުން ވަކި ކުރި ކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާ މިހާރު ބޭނުން ވަނީ އިންސާފުވެރި ތަހުގީގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެފަދަ ތަހުގީގަކުން އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ރައީސަށް ވެސް އަޅުގަނޑާމެދު މިކުރެވުނު ތުހުމަތުތައް ސާފުވެގެން ދާން،"
ކުރިއަށްދާނެ ގޮތެއް ނިންމާނީ މައްސަލައަށް ފަހު
ޖިންސީ ފުރައްސާރަ އާއި ގޯނާގެ ތުހުމަތުތަކުގެ މައްސަލައަށް ފަހު މިރޭ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއިން އަލީ ވަހީދު ފެނިލުމުން ކުރިއަށް އޮތްތާ ސިޔާސީ މައިދާނުގައި އިތުރަށް ކުރިޔަށް ވަޑައިގަންނަވާނެތޯ ވެސް ނޫސްވެރިން މިރޭ ސުވާލު ކުރި އެވެ.
އޭގެ ޖަވާބުގައި އަލީ ވަހީދު ވިދާޅުވީ އޭނާއަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރި މީހެއް ކަމަށާ އަދި މަގާމުގައި ހުންނަވައިގެން ކުރެއްވި ކޮންމެ ކަމެއްވެސް ކުރެއްވީ އިހުލާސްތެރި ކަމާއެކުގައި ކަމަށެވެ. ނަމަވެސް އިހްލާސްތެރިކަމާއެކު ކުރި މަސައްކަތުން މިފަދަ ހުތުރު ނަމެއް ލިބުމުން ހިތާމަ ކުރައްވާ ކަމަށެވެ.
"ހަގީގަތުގައި ވަރަށް ދެރަވެފައި މިހުރީ! އެއީ މިރޭ އެއްގަޑިއިރު ފަހުން އަޅުގަނޑުގެ ޒުވާން ހަޔާތް ނިމިގެން ދާނެ. މިރޭ 12 ޖަހާއިރު އަޅުގަނޑަށް 36 އަހަރު ފުރިގެން ދާނެ." ޒުވާން އުމުރުގައި ސިޔާސީ މައިދާނުގައި ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ހަނދާން އާ ކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ގައުމީ ހިދުމަތާ ވަކިވެވަޑައި ނުގަންނަވާނެ ކަމަށާ ނަމަވެސް ދެން ވަޑައިގަންނަވާނެ ގޮތެއް ނިންމާނީ ކުރިމަތީގައި އޮތް މައްސަލަ އިންސާފުވެރިކަމާއެކު ނިމުމުން ކަމަށެވެ.
އިސްތިއުފާ ނުދިނީ ކުށެއް ނުކުރާތީ
ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން ރައީސް ސޯލިހު ވަނީ އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް އަންގަވާފަ އެވެ. ނަމަވެސް ރައީސް ދެއްވި މުއްދަތުގައި އަލީ ވަހީދު އިސްތިއުފާއެއް ނުދެއްވަ އެވެ. އެހެން ކަމުން ޖެހިގެން އައި ދުވަހު ހެނދުނު އަލީ ވަހީދު މަގާމުން ވަކި ކުރެއްވީ އެވެ.
ހަަމަ އެ ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް އަންގާފަ އެވެ. ނަމަވެސް މިރެއާ ހަމައަށް ވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އެކަމާއި ގުޅިގެން އޭނާ މަގާމުން ވަކި ކުރުމަށް ކައުންސިލަށް މައްސަލައެއް ވެސް ވަނީ ހުށައަޅާފަ އެވެ. ނަމަވެސް އޭގެ ފަހުން ޖޭޕީން ކައުންސިލް ބައްދަލްވުމެއް ބާއްވާފައެއް ނުވެއެވެ.
އަލީ ވަހީދު މިރޭ ވިދާޅުވީ މަގާމުން އިސްތިއުފާ ނުދެއްވީ ކުރެވޭ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތުމުން ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑަށް އިންސާފު ލިބެންޖެހޭ ކަމަށް އަދި އިންސާފު ލިބޭނެ ކަމަށް،"
ފުލުހުންގެ ތަހުގީގަށް އޮޅުވާ ނުލައްވާނެ ކަމަށާ ފުލުހުން އެދުމުން ހަވާލު ކޮށްފައި ވަނީ އޭނާ އިނގިރޭސިވިލާތުގައި ހުންނެވި އިރުންސުރެ ގެންގުޅެމުންދިޔަ ފޯން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"މިދުވަސްވެސް ހިނގައިދާނެ. އަބަދަކު ތޫފާނުގެ ވައި މިހެން ނުހުންނާނެ،" މިރޭގެ މޫސުމަށް އިޝާރަތް ކުރައްވާ އަލީ ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުންގެ ސިއްރު އޯޑިއޯއެއް ނެތް
އަލީ ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި އޭނާގެ ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުން ގެންގޮސްފަ އެވެ.
އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމާއެކު އެންމެ ގަދައަށް ދެކެވެމުން ދިޔައީ އޭނާގެ އަތުގައި ސަރުކާރުގެ އިސްވެރިންތަކެއް ދައްކަވާފައިވާ ތަފާތު ވާހަކަތަކުގެ އޯޑިއޯތަކާއި ވީޑިއޯ އަދި ބައެއް ފޮޓޯތައް ހުރިކަމުގެ ވާހަކަތަކެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅުންހުރި ބައެއް ތަކެތި ހިމެނޭ ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ. .އެކަމަކު އެ ވާހަކަތައްވެސް އަލީ ވަހީދު މިރޭ ދޮގު ކުރެއްވި އެވެ. ވިދާޅުވީ އޭނާގެ އަތުގައި އެފަދަ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
"އަޅުގަނޑަކީ އެފަދަ ކަމެއް ދުވަހަކު ވެސް ކުރާނެ މީހެއް ނޫން، އަދި މިހާތަނަށް ކޮށްފައިވާ މީހެއްވެސް ނޫން،"
މިމަހުގެ 16 ވަނަ ދުވަހު ފުލުހުން ބޭއްވި ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ކަމެއް އަދި އެ 15 މީހުންނަކީ ވެސް ވިކްޓިމް ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އެކަމަކު އަޒްމާ ވިދާޅުވި ގޮތުގައި އެ މައްސަލާގެ ތަހުގީގުގެ ތެރެއިން ޕްރޮސިކިއުޓާ ޖެނަރަލާއެކު މަޝްވަރާތައް ކުރެ އެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް އަލީ ވަހީދު ވަނީ ޖިންސީ ފުރައްސާރަ ކޮށްފަ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.