އަލީ ވަހީދު

ދައްކަން އުޅުނު ވާހަކަ ދައްކާނަން، އެނބުރި އަންނާނަން: އަލީ ވަހީދު

ދައްކަން އުޅުނު ވާހަކަ ދައްކަވާނެ ކަމަށާ އަދި އެނބުރި އަންނާނެ ކަމަށް ވިދާޅުވެ ޔޫކޭ ފުލުހުން ހައްޔަކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރަށް އިންޒާރެއް ދެއްވައިފި އެވެ.

އަލީ ވަހީދުގެ އިންޒާރެއް ސަރުކާރަށް އަމާޒުކޮށްފައި މިވަނީ މިރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ވިދާޅުވީ ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިންސާފުވެރި އަދުލްވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދާ ދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށެވެ.

"އިރާދަފުޅުން ދައްކަވަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ރާއްޖޭގެ ގައުމީ ދިދައަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު އެ އިޝާރާތް ކުރަނީ ޔޫކޭގެ ފުލުހުން އޭނާ ހައްޔަރުުކުރި ދުވަހު ބާއްވަން އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ދެއްކެވުމަށް ނިންމެވި ވާހަކަތަކަށް ކަަމަށް ބެލެވެއެވެ. އަލީ ވަހީދުގެ ވަކީލުންގެ ޓީމު ވަނީ އޭނާ ހައްޔަރުކުރި ދުވަހު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން މަސައްކަތް ކޮށްފައެވެ. އަދި އެ ދުވަހު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޕްރެސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.

އަލީ ވަހީދު އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ޓްވީޓެއް ކުރައްވާފައި މިވަނީ އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ޔޫކޭ ފުލުހުން ދިވެހި ފުލުހުންނަށް އަންގާފައިވަނިކޮށެވެ. އެކަން ފުލުހުން ކަށަވަރުކޮށްދިނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކޮށްފައި މިދިިޔަ މަހުގެ ފަންސަވީސް ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. ނަމަވެސް މި މަހުގެ ހަވަނަ ދުވަހާއި ހަމައަށް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.

އަދި މިިރޭ އޭނާ ޓްވީޓެއް މި ކުރެއްވީ ޔޫކޭގެ ފުލުހުންގެ ބަންދުން ވީއްލުމުން ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ސާފެއް ނޫނެވެ.

ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނަން. އިންސާފުވެރި އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން.އި ރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން
އަލީ ވަހީދު | ކުރީގެ ޓޫރިޒަމް މިނިސްޓަރު

އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްއާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.

ޖުލައި 12، 2020 އިން ފެށިގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ހަތް ދައުވާއެއް އުފުލަން ކޯޓަށް ފޮނުވީ ނޮވެންބަރު 18، 2020 ގައެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ. މިއީ މި ފަހުން ސިޔާސީ ބޭފުޅެއްގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރި ފުރަތަމަ ފަހަރެވެ.