އަލީ ވަހީދު

ހިމާޔަތަށް އެދުނު ވާހަކަ ދޮގުކޮށްފި

Aug 26, 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގިރޭސިވިލާތުގެ ހިމާޔަތަށް އެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ފަރާތުން ގާނޫނީ ވަކީލުން ދޮގުކުރައްވައިިފި އެވެ.

އިއްޔެގެ ވަގުތެއްގައި ޔޫކޭގެ ފުލުހުން ވަނީ އަލީ ވަހީދު ހައްޔަރުކޮށްފައިވެއެވެ. އަދި މިވަގުތު އޭނާ ހުރީ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްގަ ކަމަށް އެނގިފައިވެއެވެ. ނަމަވެސް އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.

މިއަދުގެ ވަގުތެއްގައި އަލީ ވަހީދު، ޔޫކޭގެ ހިމާޔަތަށް އެދިފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓްކުރިއެވެ. އަލީ ވަހީދުގެ ފަރާތުން ވާހަކަ ދައްކަވަމުން އޭނާގެ ގާނޫނީ ވަކީލަކު މިރޭ ވިދާޅުވީ އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އަލީ ވަހީދު ބޭރުގައި ހުންނެވީ ރާއްޖެ ވަޑައިނުގެންނެވުމަށް ނޫން ކަމަށާ އޭނާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ވަކީލު ވިދާޅުވި ގޮތުގައި އިއްޔެ ކުރިއަށް ގެންދަން ނިންމެވި ނޫސްވެރިންގެ ބައްދަލްވުމުގައި އެކަމުގެ ވަރަށް ގިނަ ތަފްސީލު އޮތީ ހިއްސާ ކުރާ ގޮތަށެވެ. އަދި އަލީ ވަހީދުގެ ސިއްހީ ހާލުކޮޅާއި ބޭނުންވާ ފަަރުވާ އާއި އެކަމަށް ހޭދަވާނެ މުއްދަތާއި ގުޅޭ މައުލޫމާތުތައްވެސް ސާފުކޮށްދެއްވުމަށް ނިންމެވިއެވެ.

އަލީ ވަހީދު ހައްޔަރުކުރި ކުރުމާއި ގުޅޭގޮތުން ވަކީލުވެސް ވަކި އެއްޗެއް ވިދާޅެެއް ނުވިއެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާ ހައްޔަރު ކޮށްފައި މިވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްގެ ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.