ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަަށް ފުލުހުން އަނެއްކާވެސް ބުނެފި އެވެ.
އޮގަސްޓް 25 ވަނަ ދުވަހުގެ ވަގުތެއްގައި ޔޫކޭގެ ފުލުހުން ވަނީ އަލީ ވަހީދު ހައްޔަރުކޮށްފައިވެއެވެ. އަދި މިވަގުތު އޭނާ ހުރީ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްގަ ކަމަށް އެނގިފައިވެއެވެ. އަަލީ ވަހީދު ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
އަލީ ވަހީދުގެ މައްސަލާގައި ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން މިއަދުވެސް ބުނީ އަލީ ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ރަސްމީ އެއްވެސް އިދާރާއަކުން ދީފައިނުވާ ކަމަށެވެ. އަދި ޑިޓެންޝަން ސެންޓަރެއްގައި ހުރިކަންވެސް ފުލުހުންނަށް ނޭންގޭ ކަމަށެވެ.
އަލީ ވަހީދުގެ ވަކީލުންގެ ޓީމު ވަނީ އޭނާ ހައްޔަރުކުރި ދުވަހު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން މަސައްކަތް ކޮށްފައެވެ. އަދި އެ ދުވަހު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޕްރެސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.
އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއަދު އޭނާ ހައްޔަރު ކޮށްފައި މިވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްގެ ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.