ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ އިޓަލީގެ ޔުވެންޓާސްއަށް

Jul 10, 2018

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ 33، ސެޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން ނިންމާފައިވާ ކަން ރެއާލުން މެޑްރިޑުން ކަށަވަރުކޮށްދީފި އެވެ. ރޮނާލްޑޯ، ޔުވެންޓަސްއަށް ބަދަލުވާން އެއްބަސްވެފައިވަނީ 105 މިލިއަން ޕައުންޑުގެ ފީއަކަށެވެ. -- ޔުވެންޓަސް އާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އޭނާ ސޮއި ކުރާނެ އެވެ. އެ އެއްބަސްވުމުގެ ދަށުން މޫސާރައިގެ ގޮތުގައި އަހަރަކު 30 މިލިއަން ޔޫރޯ ރޮނާލްޑޯއަށް ދޭނެ އެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށްފަހު ރޮނާލްޑޯ 10 އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކާއި ރިކޯޑްތައް ހެދި ރެއާލް މެޑްރިޑުން އެކަން ކަށަވަރު ކޮށްދެމުން ބުނެފައި ވަނީ އެ ނިންމުން އައީ ރޮނާލްޑޯގެ އެދުމަށް ކަމަށާއި ރެއާލްގައި ހޭދަކުރި މުއްދަތުގައި ކްލަބަށް ވެދިން އެހީއަށް ޝުކުރު އަދާ ކުރާ ކަމަށާއި ރެއާލް މެޑްރިގެ ސިމްބޮލް އަކަށް ރޮނާލްޑޯވާއިރު މެޑްރިޑް އަބަދުވެސް ވާނީ ރޮނާލްޑޯގެ ގެއަށް ކަމަށެވެ.

"މިއަދު ރެއާލް މެޑްރިޑިޑުން ހާމަކޮށްލަން ބޭނުން ވަނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުކޮށްދީފައިވާ ކުޅުންތެރިޔާ އަދި މި ކުލަބަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރާ ކުޅުންތެރިޔާ މި ކުލަބު ދުކޮށްލާނެ ވާހަކަ،" ރެއާލް މެޑްރިޑްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"މިދިޔަ ނުވަ އަހަރު މި ކުލަބާއެކު އޭނާ ހޯދާފައި ގިނަ ތަށިތަކާއި، ހަދާފައިވާ ގިނަ ރެކޯޑްތައް އަބަދުވެސް މި ކުލަބުން ފާހަގަ ކުރާނަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މި ކުލަބުގެ ލާމަސީލު ކުޅުންތެރިޔެއް އޭނާގެ މަސައްކަތުގެ ރޭޓާއި، ކުލަބުގައި އޭނާ އަދާ ކުރާ ޒިންމާއާއި، އޭނާ ހުނަރަކީ ލާމަސީލު ނަމޫނާއެއް."

ރިޕޯޓްތައް ބުނާ ގޮތުގައި ވޯލްޑްކަޕުން ޕޯޗްގަލް ކެޓުމަށް ފަހު ޗުއްޓީގައި ހުރި ރޮނާލްޑޯ ޔުވެންޓަސްގެ މެޑިކަލް ފުރިހަމަކުރާނީ އަންނަ ހަފުތާގަ އެވެ.

ދެހާސް ނުވަ ވަނަ އަހަރު ރޮނާލްޑޯ ޔުނައިޓެޑުން ރެއާލްއަށް ބަދަލުވީ 80 މިލިއަން ޕައުންޑުގެ ރިކޯޑް ފީއަކަށެވެ. އަދި އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލޯގް ޖެހި ކުޅުންތެރިޔާގެ ގޮތުގައިވެ، 438 މެޗުން 451 ގޯލް ޖަހައިދީ ފަސް ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ބެލަން ޑިއޯ ހޯދި އެވެ. ހަތަރު ފަހަރަށް ޗެމްޕިއަންސްލީގު ހޯދައި ދިން އިރު އިތުރު ގިނަ ކާމިޔާބީތަކާއި އަމިއްލަ ރިކޯޑްތައް ގިނަ އެވެ. -- ޕޯޗްގެ ސްޕޯޓިން ލިޒްބަންއިން ސީނިއާ ކެރިއާ ފެށި، ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓަޑަށް 2003 ވަނަ އަހަރު ބަދަލުވެ، އެ ކުލަބުގައި ހަ ސީޒަންގައި ކުޅެ އެ ކުލަބަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފަ އެވެ.
ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވާއިރު އާ ކޯޗާއެކު ރެއާލް މެޑްރިޑް އަލުން ބައްޓަން ކުރުމަށް ބްރެޒިލްގެ ތަރި ނޭމާ އާއި ޗެލްސީގެ ތަރި، ބެލްޖިއަމްގެ އެޑެން ހަޒާޑް ހޯދަން އެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.