ކުޅިވަރު

ޔުވެންޓަސްއަށް ބަދަލުވުން މާފަސޭހަ، ރެއާލްއާމެދު ދެރައެއް ނުވޭ

ޔުވެންޓަސްއަށް ބަދަލުވުމަކީ ފަސޭހަ ނިންމުމެއް ކަމަށާއި އެހެންވެ ރެއާލް މެޑްރިޑް ދޫކޮލަން ޖެހުމުން ދެރަ ނުވާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރެއާލް މެޑްރިޑްގައި ނުވަ އަހަރު ހޭދަ ކުރުމަށް ފަހު، ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ބަދަލު ވެފަ އެވެ. ޔުވެންޓަސްއިން ވަނީ އިއްޔަ ރަސްމީކޮށް އޭނާ ތާރަފު ކޮށްފަ އެވެ. އެ ކުލަބާއެކު ހަތަރު އަހަރު ދުވހުގެ އެއްބަސް ވުމެއްގައި ރޮނާލްޑޯ ވަނީ ސޮއި ކޮށްފަ އެވެ.

ރޮނާލްޑޯ ބުނީ، ރެއާލް މެޑްރިޑް ދޫކޮށްލަން އޭނާ ނިންމި ނަމަވެސް އެ ކުލަބުގެ ސަޕޯޓަރުން އެކަމާ ހިތާމަ ނުކުރާނެ ކަމަށެވެ.

"މިއީ މާ ކުރިންވެސް ވިސްނާފައި އޮތް ފަސޭހަ ނިންމުމެއް،" ޔުވެންޓަސްގެ ކުޅުންތެރިޔެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑިއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ. "އަހަރެންގެ ރަހުމަތްތެރިންނާއި އެއްކޮށް ކުޅުނު ކުޅުންތެރިންވެސް ބުނި މި ކުލަބަކީ [ޔުވެންޓަސް] އަކީ އަހަންނަށް ވަރަށް އެކަށޭނެ ކުލަބަކަށް ވާނެޔޭ، އެހެންވެ މި ނިންމުން ނިންމާކަށް އެހާ އުނދަގުލެއްވެސް ނުވި."

"އަހަންނަކަށް ހީއެއް ނުވޭ އަހަރެން ރެއާލް މެޑްރިޑް ދޫކޮށްލުމުން އެ ކުލަބުން އެކަމާ ހިތާމަ ކުރާނެ ހެނެއްވެސް، އެއީ އަހަރެން އެ ކުލަބުގައި ހޭދަ ކުރި މުއްދަތުގައި ވަރަށް ބައިވަރު ހިދުމަތްތަކެއް އެ ޓީމަށް ކޮށްދެވުނު، އެހެންވެ ސަޕޯޓަރުންވެސް ތިބީ ހިތް ހަމަ ޖެހިފައި."

"އަހަރެންގެ އުމުރުގެ ކުޅުންތެރިން ބަދަލު ވަނީ ޗައިނާ އަށާއި ގަތަރަށް،" ރޮނާލްޑޯ 33 ބުންޏެވެ. "ނަމަވެސް އަހަރެން މި ބަދަލުވީ އިޓަލީގެ އެންމެ ބޮޑު ކުލަބަށް އަދި މި ކުލަބަކީ ދުނިޔޭގެ ވެސް އެންމެ ބޮޑެތި ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެއް."

ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ނުކުރެވޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެ ޓީމުން އެންމެ ފަހުން ޗެމްޕިއަންސް ލީގް ހޯދީ 1996 ވަނަ އަހަރު އެވެ. ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފަ އެވެ.

ރޮނާލްޑޯ ބުނީ، ވޭތުވެދިޔަ އަހަރު ތަކުގައި ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގް ނުލިބި އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު ޗެމްޕިއަންްސް ލީގް ފައިނަލަށް ޔުވެންޓަސް ދަތުރު ކޮށްފައި ވުމަކީ ކާމިޔާބާ ހަމަޔަށް ދާން ފަސޭހަ ވާނެ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.