އަކްޝޭ ކުމާރާއި ރަޖްނީކާންތު ފެނިގެންދާ ފިލްމު "ޓޫ ޕޮއިންޓް އޯ" ރިލީޒްނުކުރެވިގެން އުޅޭތާ ލައްކަ ދުވަސްވެއްޖެ އެވެ. ތަފާތު އެކި މައްސަލަތަކާ ހެދި މި ފިލްމު ނެއްލާނެ ތާރީހު އައީ ފަސްކުރަމުންނެވެ. އެންމެފަހުން ފިލްމުގެ އުފެއްދުންތެރިން މި ވަނީ އަންނަ ނޮވެމްބަރު މަހުގެ 29 ގައި މި ފިލްމު ރިލީޒްކުރަން ނިންމާފަ އެވެ.
"ޓޫ ޕޮއިންޓް އޯ" އަކީ 2015 ވަނަ އަހަރު ނިކުތް ރަޖްނީކާންތުގެ ފިލްމު "ރޮބޮޓް" ގެ ސީކުއެލް ފިލްމެވެ. އަކްޝޭއާއި ރަޖްނީކާންތުގެ އިތުރުން މި ފިލްމުގައި މުހިންމު ރޯލަކުން އެމީ ޖެކްސަން ފެނިގެންދާނެ އެވެ.
މި ފިލްމު ފަސްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ފިލްމުގައި ބޭނުންކޮށްފައިވާ ވިޒުއަލް އިފެކްޓްސްތަކާއި މެދު ފިލްމުގެ އުފެއްދުންތެރިން ހިތްހަމަނުޖެހުމެވެ. އެމީހުން ނިންމީ އަލުން ފިލްމުގެ ވިޒުއަލް އިފެކްޓްސް ރަނގަޅުކޮށް ފިލްމު ފަހުން ރިލީޒްކުރާށެވެ.
މި ފިލްމު ރިލީޒްކުރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ އަންނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ފިލްމު އެޅުވުން އަވަސްކުރި ކަމަށް ބެލެވެނީ އެ މަހުގައި ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30" އަޅުވަން ތާވަލުކުރެވިފައި ވާތީ ކަމަށް ބެލެވެ އެވެ.
ރަޖްނީކާންތުގެ އިތުރު އެހެން ފިލްމެއްވެސް މި އަހަރު ނިކުމެފައިވެ އެވެ. އެއީ މިދިޔަ ޖޫން މަހު ރިލީޒްކުރި ފިލްމު "ކާލާ" އެވެ. އެ ފިލްމުވެސް ސިނަމާތަކުގައި އެޅުވޭ ވަރުވީ ގިނަ މައްސަލަތަކެއް ކުރިމަތިވުމަށްފަހު އެވެ.
"ޓޫ ޕޮއިންޓް އޯ" ޓައިރެކްޓުކުރީ އެސް ޝަންކަރް އެވެ. މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގުބޮޑު ފިލްމަށް މި ފިލްމުވާއިރު، މި ފިލްމު ވެގެންދާނީ ސީދާ ތްރީޑީ ފޯމެޓުގައި ޝޫޓުކުރި ފުރަތަމަ އިންޑިއާގެ ފިލްމަށްވެސްމެ އެވެ.