ދުނިޔެ

އިތުރު ޓެކްސްތަކާއެކު އެމެރިކާ-ޗައިނާ ބޮޑު ކުރިމަތިލުމަކަށް

Jul 11, 2018

ވޮޝިންގްޓަން (ޖުލައި 10) - އެމެރިކާ އިން ޗައިނާއިން އެތެރެކުރާ މުދަލުން ޓެކްސްނަގާ އަދަދު އިތުރުކުރަން ނިންމުމާއެކު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ހޫނުވެއްޖެ އެވެ.

ޗައިނާ އިން އެތެރެކުރާ މުދަލުން އިތުރު 10 ޕަސަންޓް އިމްޕޯޓް ޓެކްސް ނަގަން އެމެރިކާ އިން ނިންމި މުދަލުގެ ތެރޭގައި މެވާ، ތަރުކާރީ، އަތްދަބަސް، ފްރިޖު، ވިއްސާރަ ކޯޓު ހިމެނެ އެވެ.

އިމްޕޯޓް ޓެކްސް އަނެއްކާވެސް ބޮޑުކޮށްފައިވަނީ، ގިނަ މުދާތަކަކުން އިތުރު 25 ޕަސަންޓު ޓެކްސް ނެގުމަށް މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ނިންމަވާފައިވަނިކޮށެވެ. ހުކުރު ދުވަހުގެ ނިންމުމާއި ގުޅިގެން ޗައިނާ އިން އިތުރު 34 ބިލިއަން އެމެރިކާ ޑޮލަރު ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނެ އެވެ. އެކަމަށް ރައްދު ދިނުމުގެ ގޮތުން، ޗައިނާ އިން ވެސް ވަނީ އެމެރިކާ އިން އެތެރެކުރާ ގިނަ މުދާތަކަކުން ހަމަ އެދަދަށް އިމްޕޯޓް ޓެކްސް ބޮޑުކޮށްފަ އެވެ.

ޗައިނާ އިން އެމެރިކާގެ ޓެކްނޮލޮޖީ އާއި ވިޔަފާރީގެ އާހިޔާލުތައް ވަގަށްނަގާ ކަމަށް ތުހުމަތުކޮށް، ޓްރަމްޕް ވަނީ އެމެރިކާ އަށް ޗައިނާ އިން އެތެރެކުރާ މުދަލުން 200 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ނަގަން އަމާޒުހިފާފަ އެވެ.

ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.

އެމެރިކާ އިން އަލަށް ބޮޑު ކުރި ޓެކްސްގެ އަގު 16 ބިލިއަނަށް އަރާނެ ކަމަށް ބެލެވޭއިރު، އެ ޓެކްސްތައް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނަގަން ފަށާނެ އެވެ.

އެމެރިކާގެ މި ނިންމުމާއި ގުޅިގެން ޗައިނާގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް، މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވާނީ ޗައިނާ އަށެވެ. ސަބަބަކީ، އެމެރިކާއަށް ޗައިނާ އިން އެކްސްޕޯޓް ކުރާ މުދަލުގެ އަގު އަހަރަކު 500 ބިލިއަން ޑޮލަރަށް ވުރެ އިތުރާވާއިރު، އެމެރިކާ އިން އިމްޕޯޓު ކުރެވޭ އަދަދު ހުރީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގަ އެވެ.

މުދަލުގެ ބަދަލުގައި، އެޑިއުކޭޝަނާއި ޓޫރިޒަމް ފަދަ ހިދުމަތްތަކުން ޓެކްސް އިތުރުކޮށް، ޗައިނާގައި އިންވެސްޓުކޮށްފައިވާ އެމެރިކާ ކުންފުނިތަކަށް ދަތި ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށާފާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ދެގައުމުން ފެށި މަޝްވަރާތަކަށް ވެސް މާބޮޑު ކުރުއެރުމެއް ލިބިފައެއްނުވެ އެވެ. ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.