ހަބަރު

ހުރިހާ ސިއްހީ މަރުކަޒެއް ދަރުމަވަންތަ ހޮސްޕިޓަލާ ގުޅާލާނަން: ރައީސް

އާ ދައުރަކަށް ހޮވިއްޖެނަމަ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކެއް ޓެލެމެޑިސިން ނެޓްވޯކަކުން މައި ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލާ ގުޅާލައްވާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވައުދުވެ ވަޑައިގެންފި އެވެ.

މ. ކޮޅުފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާލެއާ ދުރުގަ ހުރި ރަށްރަށަށް ހުރި އެންމެ އުނދަގޫ އެއް ކަމަކީ ސިއްހީ ދާއިރާއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. ކޮންމެ ރަށަކަށް ކޮންމެވެސް ފެންވަރެއްގެ ޑޮކްޓަރުން ގެނެސް ދެވިދާނެ ކަމަށާއި ނަމަވެސް ޑޮކްޓަރެއް ކޮންމެ ރަށަކަށް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ޑޮކްޓަރުންނަށް ހަމައެކަނި ވަޒީފާ ލިބެން އަންނަނީ ރާއްޖެއިން އެކަނި ކަމަށް ނުވާތީ، ޑޮކްޓަރުންނަކީ ރާއްޖޭގެ ހުރިހާ ތަނަކަށް ބޭނުންވާ މީހުން، އަމުދުން ނަރުހުންނާ ބައެއް ކަހަލަ ސްޕެޝަލިސްޓުންނަކީ ހުރިހާ ދިމާލެއްގައި އެމީހުނަށް ވަޒީފާ ލިބޭ މީހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގެ ސިއްހީ ނިޒާމް އެއް ފެންވަރެއްގައި ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް އެންމެ މުހިންމުވާ ނުވަތަ ބޮޑެތި ބަލިތަކަށް ބޭނުންވާ ހާއްސަ ފަރުވާތައް ބޮޑެތި ރަށްރަށުން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އެއީ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެކަމަކު މިހެން ހުންނަ ދުރު ރަށްރަށުގައި ހުރިހާ ހިދުމަތެއް ހަމަކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ، އަދި ފަސް އަހަރެއްގެ މުއްދަތެއްގައި ކުރެވޭ ކަމަކަށްވެސް ނުވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ހުރިހާ ސިއްހީ މަރުކަޒުތައް ނެޓްވޯކަކުން ގުޅާލުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ފަރުވާއާ ސިއްހީ ދާއިރާގެ އެޑްވައިސް އެކަމުގެ ފަންނީ މީހުން ތިބެނީ މާލޭގައި ކަމުގައިވީ އޭގެ ފަންނީ ހާއްސަ ޑޮކްޓަރުން އެ މައުލޫމާތު ކުދި ނުވަތަ މާލެއާ ދުރު ރަށްރަށުގައި ތިބޭ ޑޮކްޓަރުންނާ ހިއްސާކޮށްގެން އެމީހުންގެ އިރުޝާދާއެކީ ޕޭޝިއަޓުންނަށް ހިދުމަތް ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަހަލަ ޑޮކްޓަރަކަށް މާލެއިން ފުރައިގެން މިކަހަލަ ރަށަކަށް އައިސް އަނެއްކާ މިތަނުގައި ކޭމްޕް ޖަހާއިގެން ހިދުމަތް ދިނުމަކީ ފަސޭހަ ކަމެއް ނޫން، އެއީ މާލެއާ މާލެ ކައިރީ ރަށްތަކުގެ ރައްޔިތުންނަށް ހިދުމަތްދޭން ޖެހޭ މީހުންގެ އަދަދު 140،000 އަށްވުރެ ބޮޑު ކަން ނޭންގެ، އެހެންވީމަ އެއީ ކުރެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އާ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމް ކުރަން ބޭނުންވާ ކަމަކީ ހުރިހާ ދާއިރާއެއްގައި ހުރިހާ މަރުކަޒުތަކެއް ބޭނުންވަނީ ޓެލެމެޑިސިން ނެޓްވޯކަކުން މައި ހޮސްޕިޓަލާ ގުޅާލުން ކަމަށެވެ.

"މައި ހޮސްޕިޓާލް ނިމިގެން ދިޔާމަ އަޅުގަނޑުމެން ކުރާ އުންމީދަކީ ރާއްޖެއިން ބޭރަށްމިދާ ހުރިހާ ހާއްސަ ބަލިތަކުގެ ފަރުވާއަށް މައި ހޮސްޕިޓަލުން ލިބިގެންދާނެ، ފަރުވާ ލިބިގެންދާނީ އެކަމުގެ ތަޖުރިބާ ހުރި ޑިކްޓަރުންގެ ތެރެއިން، އެވަރު މީހުންގެ ކޮންސަލްޓަންސީ ހަމަ މި ރަށްރަށުގައި އެފަރުވާ ބޭނުންވާ މީހުންނަށް މިރަށްރަށުގެ ޑޮކްޓަރުން މެދުވެރިކޮށް ލިބޭނެ ގޮތްތަކެއް މި ހަމަޖައްސަނީ،" ރައީސް ވިދާޅުވި އެވެ.