ހަބަރު

ބަޖެޓް ދިރުވާލައިފި، ތަރައްގީގެ މަޝްރޫއުތަކެއް ނުފެނޭ: ޔާމީން

މިއަހަރަށް ފާސްކުރި ބަޖެޓްސް ފެންފޮދަކާނުލާ މި ސަރުކާރުން ދިރުވާލައި ހުސްކޮށްލައިފި ކަމަށާއި ސަރުކާރަށް 10 މަސް ވެގެން ދިޔައިރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ފެންނަން ނެތް ކަަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މ. ކޮޅުފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދޮގުހަދައިގެން ކަންކަން ކުރަމުންދާ ކަމަށާއި އެކަންކަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އެމަނިކުފާނުގެ ޕާޓީގެ އިސްވެރިން ގޮދު ނުހަދާނެ ކަމަށާއި ދޮގު ހެދުމުން ނުކުންނަ ނަތީޖާ ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

ޔާމީން ވިދާޅުވީ ތަރައްގީގެ ވިސްނުން ހުންނަ ބަޔަކު އަބަދުވެސް މަސައްކަތް ކުރާނީ ތަރައްގީ ގެންނަން ކަަމަށާއި ބްރިޖާއި 25 ބުރީގެ އިމާރާތް ފަދަ ތަންތަން ގެންނަން ކަމަށެވެ. މަސައްކަތް ކުރަނީ އަބަދުވެސް ދެކެން ބޭނުންވީ މި ރާއްޖެއަކީ ތަރައްގީ މަޝްރޫއުތަކުން ތަނަވަސް ވެފައިވާ ތަންތަނަށް ވެގެންދިއުން ކަމަށެވެ.

"މިހާރު މިއޮތް ދަނީ އެއް އަހަރު ނިމިގެން، 32 ހާސް މިލިއަންގެ ބަޖެޓެއް ފާސްކޮށް ނިމިއްޖެ، އެގެ އިތުރުން 1.7 ބިލިއަން ނުވަތަ ގާތްގަނޑަކަށް އެވަނީ ޖުމްލަ 34 ހާސް މިލ،ިއަން، ހަމަ ފެންފޮދަކާ ނުލާ ދިރުވާލާ ހުސްވީ ނޫންތޯ، ކޮބައިތޯ ތަރައްގީގެ މަޝްރޫއުތައް، ތަރައްގީގެ މަޝްރޫއުތަކެއް ނުފެނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މަސްވެރިން މިއަދު ތިބީ ހިތްދަތިކަމުގައި ކަމަށާއި މަހުގެ އަގަށް ފައިސާ ނުލިބޭ ކަމަށެވެ. ތެލުގެ އަގު ބޮޑުވެ ކަރަންޓްގެ އަގު ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިވާހަކަތައް މި ދައްކަނީ 10 މަސް ވެގެންދާއިރު ކަންތައްތަކެއް ނުވާތީ، އަޅުގަނޑުމެން މިވާހަކަތައް މި ދައްކަނީ ހަމައެކަނި ބަޖެޓެއް ހުސްވެގެނެއް ނޫން، ބަޖެޓެއް ހުސްވެގެންދާކަމަށް ވަންޏާ އެބަޖެޓުން ކުރެވެމުންދާކަމެއް ފެންނަންވާނެ." ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އެންމެ ގިނައިން އިދިކޮޅު ފަރާތްތަކުން ދެއްކެވި ވާހަކައަކީ އެސަރުކާރުގެ ނުރައްކާތެރިކަމުގެ ވާހަކަ ކަމަށެވެ.ނުރައްކާތެރިވީ އިދިކޮޅު ލީޑަރުންގެ ސިޔާސަތުތައް ހާސިލްކުރެވޭނެ ޖާގަ ރައްޔިތުން ނުދިނުން ކަމަށެވެ. އެހެން ނުރައްކަލެއް ދިމާނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ކަރަންޓް ކެނޑެނީއެއް ނޫން، މީހުން މަރުވާ އަދަދު އިތުރުވަނީ އެއް ނޫން، މިހާރު މިސަރުކާރުގެ 10 މަސް ދުވަހުގެ ތެރޭގައި މަރުވެއްޖެ ކުރީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މަރުވި މީހުންނަށްވުރެ ގިނައިން، ހަމަ ގޮތް ނޭންގޭ މަރުތައް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު ވަޒީފާ ލިބެނީ އެކަމަށް ގާބިލް ނުވަތަ ޝަރުތު ހަމަވާ މީހުންނަށް ނޫން ކަމަށާއި ވަކި ފިކުރެއްގެ މީހަކަށްވާތީ ކަމަށެވެ. ރާއްޖޭގެ ބައިތުލްމާލަކީ ވަކި ޕާޓީއަކަށް ހަވާލުވެފައިވާ އެއްޗެއް ނޫން ކަމަށާއި ވަޒީފާ އާއި ބިމާއި ގޯތިގެދޮރު ދިނުންފަދަ މަދަނީ ކަންކަން ހަމަހަމަ ކަމާއެކު ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ޖަލްސާއެއް ބާއްވާއިރު ކޮންމެ ރެއަކު އިދިކޮޅުގައި ތިއްބަވާ ބޭފުޅުން ވިދާޅުވާނެ ކުންފުނިތައް މީހުން ގެންދަނީ ސަރުކާރުން މީހުން ގެންދަނީ މަޖުބޫރު ކޮށްގެންނޭ، އޭރުތޯ މަޖުބޫރުކުރީ ނުވަތަ މަޖުބޫރު ކުރާ ތަންތަން މިހާރުތޯ މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ޖަލްސާއަކަށް އެއްވެސް ތަނަކަށްދާން މަޖުބޫރު ނުކުރާ ކަމަށާއި އެއްވެސް ބަޔަކަށް އެއްވެސް ކަމަކަށް މަޖުބޫރު ކޮށްފައިނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.