ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވޭނީ ސެޕްޓެމްބަރަށް: މިނިސްޓަރު

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ކުރިން ދީފައިވާ ތާރީހަށްވުރެ ތަންކޮޅެއް ލަސްވެދާނެ ކަމަށާއި ހޮސްޕިޓަލް ހުޅުވޭވަރު ވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ހުޅުވާނެ ސީދާ ތާރީހެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނުން އައިޖީއެމްއެޗްގެ ހުޅަނގު ފަރާތުގައި ތަރައްގީކުރަމުންދާ 140 މިލިއަން ޑޮލަރުގެ އަގުބޮޑު ހޮސްޕިޓަލުގެ ހިދުމަތް ފަށާނެ ކަމަށް މީގެ ކުރިން ސަރުކާރުން ދިން ތާރީހަކީ މިމަހުގެ 26 އެވެ. އެހެން ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ އެތެރޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އައިޖީއެމްއެޗްގެ އިސް އޮފިޝަލުންނާއި ނޫސްވެރިންނާއެކު މިނިސްޓަރު ނާޒިމް މިއަދު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށްފަހު ވިދާޅުވީ، ކުރިން ބުނެފައި އޮތް ތާރީހަށް ހޮސްޕިޓަލުން ހިދުމަތްދޭން ފަށައިގަތުމަކީ ވުމަށްވުރެ ދުރުގައި އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް ސެޕްޓެމްބަރު ހިސާބުގައި އޯޕީޑީގެ ފްލޯތައް ހުޅުވާލައި، އައުޓް ޕޭޝަންޓް ހިދުމަތްތައް ފަށައިގަންނެވޭވަރު ވާނެ ކަމަށް ވިދާޅުވި އެވެ.

"މަސައްކަތްތައް ހުއްޓުމެއްނެތި މިހާރުވެސް ކުރިއަށް މި ދަނީ. އެހެން ނަމަވެސް މި ވަރުގެ ބޮޑު ހޮސްޕިޓަލެއް ތިން އަހަރު ދުވަހުގެ ތެރޭގައި މުޅިން ނިންމުމަކީ ވަރަށް ގޮންޖެހުން ބޮޑު ކަމެއް. އެނގިވަޑައިގަންނަވާނެ، އައިޖީއެމްއެޗް އިމާރާތަކީ ވެސް އެތަކެއް އަހަރުން ތަރައްގީކުރެވުނު އިމާރާތެއް. އެހެންވީމަ މިހާރުގެ ޕްރޮގްރެސް ބަލާލެވުނީމަ އަޅުގަނޑު އަމިއްލައަށް އަންދާޒާ ކުރާނަމަ ބުނާނީ ސައްބީހުގައި ހޮސްފިޓަލް ނުހުޅެވޭނެ ކަމަށް. މި ބަލަނީ ސެޕްޓެމްބާރ ހާތާނގައި ފެށޭނެ ކަމަށް،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އޯޕީޑީއަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ ތިން ފްލޯ ވަނީ ހާއްސަކޮށްފަ އެވެ. އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ހުޅުވައިލާނީ މި ތިން ފްލޯ އެކަންޏެވެ. އެހެން ފްލޯތަކުގެ މަސައްކަތް އޭގެ ފަހުގައި ވެސް ކުރިއަށްދާނެ އެވެ.

އައިޖީއެމްއެޗްގެ އޯފީޑީ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްލުމާއެކު، ޑޮކްޓަރަށް ދެއްކުމާއި އެޕޮއިންޓްމަންޓް ހެދުމާއި އެ ހުރިހާ އައުޓްޕޭޝަންޓް ހިދުމަތްތަކެއް ބަދަލުވާނީ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. ފްލޯތަކުގެ ލޯޑު ކުޑަކުރުމަށް ލިފްޓާއި ސިޑީގެ އިތުރުން ކަރަންޓު ސިޑިވެސް ވަނީ ބަހައްޓާފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް މުޅިން ނިމޭއިރު އެ ހޮސްޕިޓަލްގެ އެކި ފްލޯތަކަށް އޯޕީޑީ އަދި ކޮންސަލްޓޭޝަންގެ ހިދުމަތުގެ އިތުރަށް ލެބޯޓްރީއާއި ސްކޭންތަކާއި ފިޒިއޮތެރަޕީއާއި ކާޑިއޯ ވަސްކިއުލާ ހުރިހާ ހިދުމަތެއް ބަހާލާނެ އެވެ. އެއާއެކު އައިޖީއެމްއެޗް މައި އިމާރާތުގެ ބޮޑު ބައެއް ވޯޑުތަކަށް ހާއްސަކޮށްލާނެ އެވެ. އައިޖީއެމްއެޗަށް އިތުރު 200 އެނދު ވައްދައި މައި އިމާރާތުގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.