ދުނިޔެ

ފީ ނުދައްކައިގެން އިންޑިއާގެ ސްކޫލެއްގައި ދަރިވަރުންތަކެއް "ހައްޔަރުކޮށްފި"

Jul 11, 2018
1

ނިއުދިއްލީ (ޖުލައި 11) - ފީ ނުދައްކާ ކަމަށް ބުނެ، ކުޑަ އަންހެން ކުދިންތަކެއް އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ސްކޫލެއްގެ ބޭސްމަންޓުގައި ގެއަށް ދިޔަނުދީ ހިފަހައްޓައިފި އެވެ.

ހުސް އަންހެން ކުދިންގެ ސްކޫލުން ހަތަރު އަހަރާއި ހަ އަހަރާއި ދެމެދުގެ 16 ކުދިން ބޭސްމަންޓުގައި ފަސް ގަޑިއިރަށް ވުރެ ގިނައިރު ހިފަހައްޓާފައިވާ ކަމަށްވެ އެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.

އެ ކުދިން ހިފަހައްޓާފައިވާކަން ބެލެނިވެރިންނަށް އެނގުނީ އެ ކުދިން ބަލާ ސްކޫލް ދޮށަށް ދިއުމުންނެވެ. ނަމަވެސް އެ ކުދިން ބޭތިއްބީ ބޭސްމަންޓުގައި ނޫން ކަމަށާއި އެކްޓިވިޓީ ސެންޓަރުގައި ކަމަށް ސްކޫލުން ވަނީ މީޑިއާއަށް ބުނެފަ އެވެ.

ބެލެވެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ހެނދުނު 7.30 އިން ފެށިގެން މެންދުރު 12.30 އާ ދެމެދު ބޯފެން ފޮދެއްވެސް ނުދީ އެ ކުދިން އެ ހޫނުގަދަ ބޭސްމަންޓުގައި ހިފަހައްޓާފައި ބޭއްތިބި އެވެ.

އޭގެ ތެރެއިން ބައެއް ކުދިން ކުރިން ފީ ދައްކާފައިވާ ކަމަށް ވެސްވެ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ދިއްލީގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނުން ވެސް ވަނީ ފަށާފަ އެވެ.