ދުނިޔެ

ފާހާނާ ހަދައިނުދީގެން އިންޑިއާގައި ހަތް އަހަރުގެ ކުއްޖެއް ބައްޕަ ގޮވައިގެން ފުލުހަށް

Dec 13, 2018
2

ޓެމިލް ނާޑޫ (ޑިސެމްބަރު 12) - ގޭ ތެރޭގައި ފާހާނާއެއް ހަދާދޭނެކަމަށް ވައުދުވެ އެކަން ކޮށްދީފައިވާ ނުވާކަމަށް ބުނެ، ހަތް އަހަރުގެ އަންހެން ކުއްޖެއް އޭނާގެ ބައްޕަ އާދެކޮޅަށް ފުލުހަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ހަނީފާ ޒާރާ ނަމަކަށް ކިޔާ އެ ކުއްޖާ، ފުލުހުންނަށް ފޮނުވި ސީޓީއެއްގައި ބުނެފައިވަނީ، އޭނާގެ ބައްޕަ އޭނާއަށް "އޮޅުވާލައި" "ދޮގު" ހަދާފައިވާތީ، ބައްޕަ ހައްޔަރުކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި ބޭރުގައި ފާހާނާ ކުރަންޖެހޭތީ ވަރަށް ބޮޑަށް ލަދުގަންނަ ކަމަށް ވެސް ހަނީފާގެ ސިޓީގައި ވަނީ ބުނެފަ އެވެ.

އދ.ގެ ތަފާސް ހިސާބުތައް ބުނާ ގޮތުން، އިންޑިއާގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށްް 500 މިލިއަން މީހުން ފާހަނާ ކުރަނީ ބޭރުގަ އެވެ.

ޓެމިލް ނާޑޫގެ ދެކުނުން އޮންނަ އަމްބޫރު ނަމަކަށް ކިޔާ ކުޑަ އަވަށެއްގައި ދިރިއުޅޭ ހަނީފާ، ގޭގެ ތެރޭގައި ފާހާނާއެއް ހަދައިދޭން އޭނާގެ ބައްޕަ ގާތު އެންމެ ފުރަތަމަ އެދުނީ ނާސަރީގައި އުޅުނު ދުވަސްވަރުގަ އެވެ.

"ބޭރުގައި ފާހާނާ ކުރާއިރު، މީހުންނަށް ފެނުމުން ވަރަށް ލަދުގަނޭ، އަދި އެކަމުގެ ސިއްހީ މައްސަލަތައް ވެސް ބޮޑުކަން އެނގުނު ސްކޫލުން،" ހަނީފާ ބުނެފައިވެ އެވެ.

ހަނާފީ ފުލުހުން ގާތު ބުނެފައިވަނީ، ކްލާހުން އެއްވަނަ ގެނެސްފިނަމަ ފާހާނާއެއް ހަދައިދޭނެކަމަށް އޭނާގެ ބައްޕަ ވައުދުވެފައިވާ ކަމަށެވެ.

"ނާސަރީން ފެށިގެން އަހަރެން މިއަންނަނީ ކްލާހުން އެއްވަނަ ހޯދަމުން، މިހާރު މިއުޅެނީ ގްރޭޑު ދޭއްގައި، އެކަމަކު އަދިވެސް [ބައްޕަ] ބުނަނީ ފާހާނާއެއް ހަދައިދޭނަމޭ، މިއީ ހަމަ މަކަރު ހެދުމާއި އޮޅުވާލުން، އެހެންވީމަ ބައްޕަ ހައްޔަރުކޮށްދީ،" ހަނީފާ ފުލުހުންނަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވެ އެވެ.

އޭނާގެ ބައްޕަ އިހުސާނުﷲ ބުނީ، ދަރިފުޅުގެ އެދުމުގެ މަތިން ފާހާނާ ހެދުމުގެ މަސައްކަތް ފެށި ކަމަށާއި، ނަމަވެސް ފައިސާ ނެތުމުގެ ސަބަބުން އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

"އަހަރެން ބުނިން އިތުރު ވަގުތު ދޭށޭ، އެކަމަކު ދޮގު ހެދި ކަމަށް ބުނެ ދަރިފުޅު މިހާރު އަހަރެންނާ ވާހަކަ ވެސް ދެއްކުން ހުއްޓާލައިފި،" ހަނީފާގެ ބައްޕަ ބުންޏެވެ.

ހަނީފާގެ ސިޓީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބެލި ނަމަވެސް، ފުލުހުން މިހާރު ދަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން، އެ ސަރަހައްދުގައި 500 ފާހާނާ ހެދުމަށް ފައިސާ ހޯދުމުގެ މަސައްކަތް ފެށުމަށް ނިންމާފައި އެވެ.